ކަރަންޓް މީޓަރު ޓެސްޓްކުރުމުގެ ހިދުމަތަށް ފެނަކައިން ބޮޑު އިންގިލާބެއް

ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރު ޓެސްޓުކުރުން މުޅި ރާއްޖޭގައި އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މީޓަރު ޓެސްޓިން ބެއްޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފި އެވެ.
ފެނަކައިން ބުނީ، އެ ޓެސްޓިން ބެންޗާއެކު މިހާރަށްވުރެ އަވަސް މަގުން މީޓަރު ޓެސްޓުކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސްމިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އެގޮތުން މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް މި މަސް ނިމުމުގެ ކުރިން ތައާރަފުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ފެނަކައިން ބުނީ، އެ ކުންފުނިން މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ތައާރަފުކުރުމުން މިހާރު ރައްޔިތުންނަށް އެ ހިދުމަތް ލިބޭ އަގަށް ވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ހިދުމަތަށް ނަގާ މުއްދަތަށްވުރެ އަވަސްކޮށް ހިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.
އަދި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ޔުޓިލިޓީ ހިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކުލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ހައްލު ހޯދައިދެވޭނެ މަގުފަހިކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ