މުޒާހަރާއިން ހައްޔަރުކުރި ލަންކާ މީހާ ކޯޓުން ދޫކޮށްލައިފި

ސްރީލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައަށް ދިވެހި ސަރުކާރުން ހިމާޔަތް ދިން މައްސަލާގައި ސަރުކާރާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުޒާހަރާގެ ތެރެއިން ލަންކާ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިއްޔެ ކާނިވާ ސަރަހައްދުގައި ލަންކާ ރައްޔިތުން ބޭއްވި މުޒާހަރާގައި ބައެއް ދިވެހީންވެސް ވަނީ ބައިވެރިވެފައެވެ.
އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮޓަބަޔާއަށް ރާއްޖެއިން ހިމާޔަތް ދީފައިވާތީ އެކަން ކުށްވެރިކޮށް، އަނބުރާ ގައުމަށް ދިއުމަށް ގޮވާލާފައެވެ.
އިއްޔެގެ މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. ނަމަވެސް އެސަރަހައްދަކީ ކާރުބާރު ބޮޑު ސަރަހައްދެއް ކަމުން ފުލުހުން ވަނީ މުޒަހަރާ ރޫޅާލާފައެވެ.
ލަންކާގެ ރައްޔިތުން އެތަނަށް އެއްވެފައިވަނީ ބެނާތަކާއި ލަންކާގެ ދިދަވެސް ހިފައިގެންނެވެ. ފުލުހުން ވަނީ އެމީހުންގެ އަތުން ދިދަތައް އަތުލާފައެވެ.
ގޯޓަބަޔާ ރާއްޖެ އެތެރެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެ ރައީސް ނަޝީދަށްވެސް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ