ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދަށް އަރުވައިފިއެވެ.
މިއިއްޒަތް އަރުވާފައިވަނީ ގުއަޓަމާލާގެ ވެރިކަންކުރާ ސިޓީގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއްވެސް ނެރުއްވާފައެވެ.
މިނިސްޓަރ ޝާހިދަށް މިއިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތު"ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑްގެ ހާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތައް މީގެތެރެއިން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން، މިއިއްޒަތް އަރުވާފައިވަނީ އދ އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން ގުއަޓަމާލާ އިން ދެމުން އަންނަ ޢިއްޒަތެކެވެ. މިއިއްޒަތް އެގައުމުން އަރުވަނީ ބައިނަލްއަގްވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށެވެ.
އެ ނިޝާންގެ އިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯއަށެވެ.
މިނިސްޓަރ ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފޮރިން މިނިސްޓްރީން ބުނީ މިދަތުރުފުޅުގައި އެގައުމުގެ ރައީސްއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި، ގާނޫނު ހަދާ މަޖީހުގެ ރައީސްއާއި، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވި ކަމަށެވެ.
އަދި، އެގައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
ގުއަޓަމާލާގެ މަތީ ޝަރަފެއް މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ