އިންޑިއާ އައުޓް ކެމްޕެއިންގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ!

ނޮވެމްބަރު 3، 1988 ގައި ޓެރަރިސްޓުން ރާއްޖެ ހިފަން ދިން ހަމަލާގައި ޝަހީދުވި ޕްރައިވެޓް ހުސެއިން އާދަމްގެ ފޮޓޯ، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ބޭނުން ކުރަން ފަށައިފި އެވެ.އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ބުނެ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގައި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުންކޮށްފައި ވަނީ ފުވައްމަލުކު ސިޓީގަ އެވެ. ސިޔާސީ ހަރަކާތެއްގައި ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކުރަމުންދާތީ ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އިދިކޮޅު ޕީޕީއެމަށް ވަނީ އަމާޒުވެފައި އެވެ. އެގޮތުން ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ހިމަނައިގެން "އިންޑިއާ އައުޓް" ކެމްޕޭންގެ ހަރަކާތްތަކެއްގެ ފޮޓޯތަކަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ."ކަމަކަށް ދަހިވެތި ވިޔަސް ކޮންމެ ވެސް ވަރެއްގެ އަދަބު އަޚްލާގު ބެހެއްޓުން މުހިންމު،" ކުޅުދުއްފުއްޓަށް ވެސް ނިސްބަތްވާ ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ސިޔާސީ ހަރަކާތްތަކުގައި ބޭނުން ނުކުރަން ގޮވާލައްވައި ޔާސިރު ލިޔުއްވާފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުސައިން އާދަމަކީ ގައުމީ ބަތަލެއް ކަމަށާއި އޭނާ އަށް އިހުތިރާމް ކުޑަވާ ގޮތަށް ސިޔާސީ ބޭނުމަށްޓަކައި ފޮޓޯ ބޭނުން ކުރުމަކީ ގައްދާރުންގެ އަމަލެއް ކަމަށެވެ. ޝިފާއު ވިދާޅުވީ، ސިޔާސީ ގޮތުން ކޮންމެ ކަމެއް ކުރިޔަސް، ހުސައިން އާދަމް ކުރި ޖިހާދަށްޓަކައި ކޮންމެވެސް އިހްތިރާމެއް ކުރަން ޖެހޭނެ ކަމަށެވެ.އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވުމަށް ޕީޕީއެމުން ރާއްޖޭގެ ހުރިހާ ޕާޓީތަކަށް ދައުވަތު ދިން ނަމަވެސް އެއްވެސް ޕާޓީއަކުން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ. އެ ކެމްޕެއިން ކުށްވެރިކޮށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް އާއި ޖުމްހޫރީ ޕާޓީން ވަނީ ބަޔާން ނެރަފަ އެވެ. އަދި ޕީޕީއެމްއާއެކު މިވަގުތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަމައެކަނި އޮތް މޯލްޑިވްސް ނެޝަނަލް ޕާޓީން ވެސް ވަނީ އިންޑިއާ އައުޓް ކެމްޕެއިން ކުށްވެރިކޮށްފަ އެވެ.އިންޑިއާ އައުޓް ކެމްޕެއިނަކީ އެމަނިކުފާނުގެ އިސް ނެންގެވުމަކަށް ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކޮށްފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ބާތިލް ކުރުމުން ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޑިސެމްބަރު 3، 2021 ގަ އެވެ.ރައީސް ސޯލިހްގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް އިންޑިއާއާއި އެކު ބާއްވާއިރު، އިންޑިއާގެ ބޭނުމަކީ ރާއްޖޭގެ ބައެއް ބިންތައް އެ ގައުމުގެ އަސްކަރީ ބޭނުމަށާއި، ޖާސޫސީ މީހުނާއި ސިފައިންތައް ބަހައްޓައިގެން މިލިޓަރީ ބެކްޔާޑެއް ގާއިމް ކުރުން ކަމުގައެވެ. އެކަމަކު މި ވާހަކަތައް ދެ ގައުމުގެ ސަރުކާރުން ދޮގު ކުރެއެވެ.އިންޑިއާގެ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އިންސާނީ ވަގުފާރީ ހިންގުން ހުއްޓުވުމުގެ އިތުރަށް ހަރުކަށި ފިކުރު ފެތުރުުމާއި ނިރުބަވެރި ހަރަކާތްތައް ހިންގުން ހުއްޓުވޭ ވަރަށް ރާއްޖޭގެ އަސްކަރީ ގާބިލް ކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވެއެވެ.ގޭގޭގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖެހުމަށް މީގެ ކުރިން ރައީސް ޔާމީން ވަނީ ގޮވައިލައްވާފަ އެވެ. އޭގެ ފަހުން އަމިއްލަ ތަންތަނުގެ ފާރާއި ބައެއް ސްކޫލްތަކުގެ ފާރުތަކުގައި އެހެން ލިޔެގެން މައްސަލަ ވަރަށް ގޯސްވެފައި ވެއެވެ. އެކަން ކުށްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީ އިން ބަޔާނެއް ވެސް ނެރުނެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޔާމީން ގޮވާލައްވަމުން ގެންދަވާތީ އެމަނިކުފާނު ހައްޔަރު ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ