މިއަހަރުގެ ތައުލީމީ ދާއިރާގެ ބަޖެޓަކީ 4.1 ބިލިއަން ރުފިޔާ: ފިނޭންސް މިނިސްޓްރީ

މިއަހަރުގެ ތައުލީމީ ދާއިރާގެ ބަޖެޓަކީ 4.1 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މި ބަޖެޓް ހުށަހަޅާފައި ވަނީ ތައުލީމީ ދާއިރާގައި ބަޖެޓް ނެތުމުގެ ސަބަބުން ދިމާވާ ގިނަގުނަ މައްސަލަތައް ހައްލު ކުރުމަށްޓަކައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިއަހަރުގެ ބަޖެޓުން ތައުލީމީ ދާއިރާގައި 177 ޕްރޮޖެކްޓެއް ރާއްޖޭގެ 141 ރަށްތަކުގައި ގާއިމް ކުރެވޭނެކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
މިނިސްޓްރީން ބުނީ، ރާއްޖޭގައި ޓީޗަރުން މަދުވުމުގެ މައްސަލައާއި ގުޅިގެން، މިއަހަރުގެ ބަޖެޓުގައި 400 ޓީޗަރުން އައްޔަން ކުރުމަށް ކަނޑައަޅާފައިވާ ކަށެވެ. މީގެ އިތުރުން، ސަރުކާރުން އަންނަ އަހަރު ސްކޫލުތަކުގެ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށުމައް ކަނޑައަޅައިފައި ވާކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ނާސްތާ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުގައެވެ.
ސްކޫލުތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މި އަހަރުގެ ބަޖެޓުގައި 949 މިލިޔަން ރުފިޔާ މަތީތައުލީމަށް ޚާއްސަކޮށް ހުށަހަޅައިފައިވެއެވެ. މިއީ މިހާތަނައް މަތީތައުލީމަށް ޚާއްސަކޮށް ހުށަހަޅައިފައިވާ އެންމެ ބޮޑު ބަޖެޓުކަމަށް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީ ހިލޭކިޔެވުމުގެ ޕްރޮގްރާމުގައި 12،000 ދަރިވަރުން ބައިވެރި ވެފައިވާއިރު، މިޕްރޮގްރާމާއި، މަތީ ތައުލީމު ހާސިލް ކުރުމަށްދޭ ލޯން އަދި ސްކޮލާޝިޕްގެ ބަޖެޓެއް ކަމުގައި 600 މިލިއަން ރުފިއާ ކަނޑައަޅައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ