ރޯދައަށް ޚާއްސަކޮށް 2400 ޓަނަށް ވުރެ ގިނަ މުދާ އައްޑޫއަށް

ރޯދައާއި ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) ގިނަ އަދަދަކަށް ހިތަދޫ ބަނދަރަށް ގެންގޮސްފިއެވެ.
ސަރުކާރުގެ، ޝިޕިންގ ކުންފުނި އެމްއެސްއެސްގެ އެމްވީ ބޮންތި 2 ވަނީ މިމަހުގެ 27 ވަނަ ދުވަހު ހިތަދޫއަށް ބަނދަރުކޮށްފައެވެ. މިފަހަރު ޝިޕްމަންޓް ރޯދައަށް ޚާއްސަކޮށްފައިވާއިރު، ހަލާކުވާ ޒާތުގެ ގިނައަދަދެއްގެ ކާބޯތަކެތި މީގެތެރޭގައި ހިމެނެއެވެ.
މިކަމާއި ގުޅިގެން، ހިތަދޫ ޕޯޓުގެ ޗީފް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ގުޑްސް) މިއަދު އެއްކޮށް ކްލިއަރ ކޮށް ދޫކޮށްނިމެނޭކަމަށެވެ. އަދި ގެނައި ތަކެތީގެ ތެރެއިން ގިނައީ އެސްޓީއޯގެ މުދާކަމަށާއި އާންމު ވިޔަފާރިވެރިން ރޯދައަށް ޚާއްސަކޮށް ގެނައި މުދާތައްވެސް މި ޝިޕްމަންޓް ތެރޭގައި ހިމެނޭކަމަށް އިބްރާހިމް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 2 ދުވަސްތެރޭ ކާގޯ ބޯޓުން ބާލައި ކްލިއަރ ކުރެވޭނެކަމަށްވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މިއީ އާންމުކޮށް އައްޑޫއަށް މަހެއްގެ މައްޗަށް ގެންދާ މުދަލުގެ ނިސްބަތަށް ބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. އެގޮތުން ޖުމްލަ 2439.334 (ދެހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް ޕޮއިންޓް ތިންސަތޭކަ ތިރީސް ހަތަރު) ޓަނުގެ ކާގޯ މިބޯޓުގައި އައްޑުއަށް ވަނީ ގެންގޮސްފައެވެ. މީގެ ތެރޭގައި ޕެރިޝަބަލް ގުޑްސްގެ އިތުރަށް 70.88 ޓަނު ޕްރޮޖެކްޓް ކާގޯ އާއި 1000 ބަސްތާ ސިމެންތި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ