އިރުގެ އަލިން ކަރަންޓު އުފެއްދުމުގެ ބިޔަ މަޝްރޫއު މެލޭޝިއާ އަދި ޗައިނާގެ ކުންފުންޏަކަށް

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތައް ހިމެނޭ ގޮތަށް ހަ ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފައްދަން ބިޔަ މަޝްރޫއުއެއް ފަށަން ނިންމައި، ދެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.
މިއީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި އެކަމަށް ކުރާ ހަރަދު ކުޑަކޮށް ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕްރައިވެޓް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނުއުވަބަލް އެނާޖީ (އެސްޕަޔާ)ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެ ހަ ރަށުގައި 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރާނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެކްޓެއްގެ ދަށުން އެއްމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމު ގާއިމުކުރާ މަޝްރޫއެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާ އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ރިނިއުވަބަލްސް ޑިވިޝަން، ޗިން ސަން އެވެ. ޖޮއިންޓް ވެންޗާގައި ހިމެނޭ ޕަވާ ޗައިނާ ހުއަޑޮންގް އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ސޮންގް ކިންގް ގޯ އެވެ.
ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ހަދާ ޕަވާ ޕާޗޭސިން އެގްރީމެންޓުގައި ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
މި މަޝްރޫއަށް އެއްބާރުލުންދިނުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެ ކޯޕަރޭޝަން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އަޒްލީމެވެ.
 
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެސްޕަޔާ މަޝްރޫއުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމުކުރުމަށް ހުޅަވާލި ފުރުސަތުގައި 34 ކުންފުންޏަކުން ޕްރީ ކޮލިފިކޭޝަން ހުށަހެޅި ކަމަށާއި އެ ސްޓޭޖުން ޝަރުތު ހަމަވި ކުންފުނިތަކުގެ ތެރެއިން ބިޑް ހުށަހެޅީ ހަތަރު ކުންފުންޏަކުން ކަމަށެވެ.
އަދި މިއަދު މަޝްރޫއު ހަވާލުކުރި ދެ ކުންފުންޏަކީ ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ބީލަން ޝަރުތުތަކަށް ފުރިހަމައަށް ފެތޭ ބިޑުތަކުގެ ތެރެއިން ދައުލަތަށް ކަރަންޓް ވިއްކުމަށް އެންމެ ކުޑަ އެގެއް ހުށަހެޅި ދެ ކުންފުނި ކަމަށް ބުންޏެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ވިއްކުމަށް ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަށް ޔުނިޓަކަށް 9.888 އެމެރިކާ ސެންޓެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިއީ މިހާތަނަށް ރާއްޖޭގައި ޕަވާ ޕާޗޭސިން އެގްރީމެންޓުގެ ދަށުން ކަރަންޓުގެ ޙިދުމަތް ދޭ ކުންފުންޏަށް ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ގަންނަން ލިބޭ އެއްމެ ހެޔޮ އަގު ކަމަށެވެ. އަދި މިއީ އެވްރެޖްކޮށް ޑީސަލުން ކަރަންޓު އުފައްދާ އަގުގެ 50 ޕަސެންޓަށް ވުރެ ކުޑަ އަގެއް ކަމަށް ބުންޏެވެ.
 
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ސަބަބުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ލީޓަރަކަށް 10 ރުފިޔާގެ ރޭޓުން ބަލައި ނަމަ ދައުލަތުން ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 55 މިލިއަން ދިވެހި ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އަހަރަކަށް 12،694 މެޓްރިކް ޓަނުގެ ވިހަ ގޭސް މަދުކުރެވޭނެ ކަމަށް ބުންޏެވެ.
ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެސްޕަޔާ މަޝްރޫއުގެ އިތުރުން ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫއިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސޯލާ ޕީވީގެ ނިޒާމާއި ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ އިއުލާނުކޮށްފަ އެވެ.
އެ ސަރަހައްދުތަކުގެ ތެރޭގައި ގއ.ވިލިނގިލި، ށ.ފުނަދޫ، ޅ.ނައިފަރު އަދި ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ