ފުރަތަމަ ފަހަރަށް އޮންލައިންކޮށް ހުށަހެޅި މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލައެއް ހުށަހަޅާފައި ވާއިރު، އެއީ މިފަދަ ގޮތަކަށް ކްރިމިނަލް ކޯޓުން މައްސަލައެއް ބަލައިގަތް ފުރަތަމަ ފަހަރެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަން އެ އޮފީހަކުން ނުބުނެއެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ލިޔުއްވާފައިވާ ބްލޮގެއްގައި ވިދާޅުވީ، އޭނާ ޕީޖީ ކަމާ ހަވާލުވެ ވަޑައިގަތީއްސުރެ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ލުއިފަސޭހަ ކަމާއެކު އެ އޮފީހުގެ މަސައްކަތްތައް ކުރުމަށް ބާރު އެޅުއްވުމަށް ކަމަށެވެ.
މިހާރުވެސް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅަނީ އޮންލައިންކޮށް ކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ، ފުލުހުންގެ ފަރާތުން ހުށަހަޅާ މައްސަލަތައް އޮންލައިން ޕޯޓަލަކަށް އަޕްލޯޑް ކުރުމުން، އެ ލިއުންތައް ޑައުންލޯޑްކުރެވޭ ނިޒާމެއް އޮންނަކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، ފުލުހުންގެ މަޝްވަރާ ބޭނުންވާ މައްސަލަތަކުގައި މަޝްވަރާ ކުރެވޭނެ އޮންލައިން ޕޯޓަލެއްވެސް ގާއިމްކޮށް، ވަކި އުސޫލެއްގެ ދަށުން އެ މަސައްކަތްތައް ވެސް ހިނގާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފުލުހުންނާ އެކު އޮންނަ ކަހަލަ ގުޅުމެއް، ކޯޓުތަކާއެކު ވެސް އުފެއްދޭތޯ މަސައްކަތް ކުރެވިފައިވާ ކަމަށާއި، އެގޮތުން، ކޮވިޑް-19 ގެ ދަތި ދުވަސްވަރު މައްސަލަތައް ހުށަހެޅުން އަވަސް ކުރުމަށްޓަކައި، ކްރިމިނަލް ކޯޓަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިސްނެންގެވުމާ އެކު، އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންކަން މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު ވަގުތު ސަލާމަތްވެ، މައްސަލަ ފޮނުވާ ދުވަހާއި، ބަލައިގަތް ދުވަހާއި ވަގުތު ލޮގް ކުރެވި ބެލެން ހުންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ކޯޓުތަކަށް މިގޮތަށް މައްސަލަ ހުށަހެޅޭގޮތް ވެއްޖެނަމަ، ޝަރުއީ ނިޒާމަށް އެކަމުގެ ހެޔޮ ބަދަލު އަންނާނެއެވެ. އަދި ޕީޖީ އޮފީހުން އޮތީ މިކަން ކުރެވޭ ވަރަށް ތައްޔާރަށް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
އޮންލައިންކޮށް ހުށަހެޅި މައްސަލައެއް ފުރަތަމަ ފަހަރަށް ކްރިމިނަލް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ