ކޮމަންޑޫ ކައިރިން ރިސޯޓު ހަދަން ހުޅުވާލި ރަށްތައް ކުއްޔަށް ދޫކުރުން ކޯޓުން ހުއްޓުވައިފި
ށ. ކޮމަންޑޫ ކައިރީ ގުޅިފައި އޮންނަ ތިން ރަށް ކަމަށްވާ ށ. މެދުރަށް، ށ. މައިރަށް އަދި ށ. ދިގުރަށް (ދިގުވެލިދޫ)ގައި ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫކުރުން ފަސްކޮށްލުމަށް އަންގައި ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ. ސިވިލް ކޯޓަށް އެ ތިން ރަށުގެ މައްސަލަ ހުށަހެޅީ ޕްރިމިއާ އިކުއިޓީ ޕްރައިވެޓް ލިމިޓެޑުންނެވެ. ކޯޓުގެ އަމުރުގައި ވަނީ 2008ވަނަ އަހަރު އެ ކުންފުންޏާ ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ލ. ބޮޑުފިނޮޅާއި، ލ.ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ހެދުމަށާއި، އެއަތޮޅު ގަމުގެ ދެ ބިމެއްގައި ޓްރެއިނިން ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ވެވުނު އެއްބަސްވުމާ މިނިސްޓްރީން ހިލާފުވެފައިވާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައިވާ ކަމަށެވެ. ހަމައެއާއެކު، އެ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީން ސެޓުލްމެންޓުގެ ގޮތުގައި ށ. މެދުރަށާއި، ށ. މައިރަށާއި، ށ. ދިގުރަށް ޕްރިމިއާ އިކުއިޓީއަށް ކުއްޔަށް ދިނުމަށް އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް އަމުރުގައިވެއެވެ. އެހެން ކަން އޮއްވާ މިދިޔަ މަހު ނެރުނު ބިޑު ޑޮކިއުމަންޓުގައި އެ ތިން ރަށް ހިމަނާފައި ވާތީ، އެ އިއުލާނުގައި އެރަށްތައް ހިމެނޭ ބަޔަށް އަމަލުކުރުން ފަސް ކުރުމަށް ޓޫރިޒަމް މިނިސްޓްރީއަށާއި، ކަމާބެހޭ އިދާރާތަކަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ސަރުކާރުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއަށް މި ތިން ރަށް ކުއްލިއަކަށް އިތުރު ކުރީ މިމަހުގެ ފަސްވަނަ ދުވަހު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނު ދުވަސްވަރެވެ. އެ ދުވަސްވަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި އެ ރަށްފަތީގައި އެއާޕޯޓެއް އަޅާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، އޭގެ ކުރިން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ އެ ތިން ރަށުގައި ރިސޯޓު ހަދަން ހުޅުވާލާނެ ކަމުގެ އިޝާރަތެއް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ