ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ސަސްޕެންޑުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރި ކަމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ހުކުމް އިއްވަން ތިން ގަޑިއިރަށް ވެފައި ވަނިކޮށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށްފިއެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރި ކަމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކެންސަލް ކޮށްފައިވާއިރު، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މިއަދުގެ ވަގުތެއްގައި ސަސްޕެންޑް ކުރީ ޖޭއެސްސީން އިއްޔެ ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައި، އެ ކޮމިޝަނުގެ ތަހުގީގު ކޮމެޓީއަށް ހާޒިރު ވުމަށް އެންގުމުން އެކަމަށް އުޒުވެރި ވުމުން ކަމަށް ބުނެއެވެ. ޖޭއެސްސީން ހައިލަމް ސަސްޕެންޑު ކޮށްފައިވަނީ 60 ދުވަހަށެވެ. ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ލީ މައްސަލައިގައެވެ. އެ މައްސަލައިގައި ހައިލަމް ސަސްޕެންޑު ކޮށްފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ޖޭއެސްސީއަށް ހާޒިރުވާން އެންގުމުން އެކަމަށް އުޒުރުވެރިވާކަން އަންގަވައި ޖޭއެސްސީއަށް ފޮނުއްވި ނޯޓިސްގައި ހައިލަމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ލާފައިިވާ ތަސްވީރުގެ މައްސަލައިގައި ކަން ހިނގި ގޮތް ބަޔާން ކޮށްދެއްވައި ރޭގެ ވަގުތެއްގައި ބަޔާނެއް ނެރުއްވާފައިވާނެ ކަމަށެވެ. ހައިލަމް ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުފުޅުގައި ޗެންޗޭނު ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯ ވައިބަރ ގުރޫޕަށް ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާ ކަމަށާއި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް ވިސްނާލެވިފައިވެސް ނުވާ ކަމަށެވެ. އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ހައިލަމް އިތުރަށް ވިދާޅުވީ، އޭނާ ބަލަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މައްސަލާގައި ރިޝްވަތު ނަގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކާފައިވާތީ، އެފަރާތްތަކުގެ އަމަލަކީ ކޯޓުގައި ކުރިއަށްދާ މައްސަލައަށާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ކުރަމުންދާ މަަސައްކަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ. ނަމަވެސް މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށް އެއްވެސް އިރެއްގައި އެއްވެސް ސިފައެއްގައި މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެކަމުގެ ޔަގީން ހައިލަމް ވަނީ ދެއްވައިފައެވެ. ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނިކޮށް، އެމައްސަލަ ބައްލަވާ ގާޒީ ހައިލަމް ސަސްޕެންޑު ކުރުމަކީ، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން ހިންގި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ