ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅަނީ ހަވީރު

ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅަނީ ހަވީރު ފަހަކާ އިރުއޮއްސި ހަޔަކާ ދެމެދު ކަމަށް ފުލުހުން ބުނެފިއެވެ. ފާއިތުވި 24 ގަޑިއިރު މާލޭގައި ހިނގާފައިވާ ވައްކަމާއި ފޭރުމުގެ ތަފާސް ހިސާބުތައް އާންމު ކުރައްވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަމާއި ފޭރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެކަންތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިފަދަ ކުށްތައް މަދު ކުރުވުމަށް ރަށުތެރެ ބެލެހެއްޓުމަށް އިތުރު ފުލުހުން ނެރެފައިިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. https://twitter.com/M_Hameedh/status/1211637392844587008 ތަކުރާރުކޮށް މިފަދަ ކުށްތައް ކުރާ މީހުން މުޖުތަމައުގައި އުޅޭކަން ފާހަގަ ކުރައްވާ ސީޕީ ވަނީ ގުރޫޕު ގުރޫޕަށް މަގުމަތީ އުޅޭ މިފަދަ މީހުންގެ އަމަލުތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. ސީޕީ އާންމު ކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ މާލެއިން ވައްކަމުގެ 10 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ހަތް މައްސަލައަކީ މަގުމަތީގައި ހިންގާފައިވާ ވައްކަންތަކެވެ. މީގެ އިތުރުން ގޭގެއިން ވައްކަން ކުރި ދެ މައްސަލައަކާއި ފިހާރައަކުން ވައްކަން ކުރި މައްސަލައެއް ފާއިތުވި 24 ގަޑިއިރު ތެރޭ ވަނީ ހުށަހަޅައިފައެވެ. ވޭތުވެ ތިން އަހަރާ އަޅާ ބަލާއިރު މިއަހަރު ވައްކަން ކޮށްގެން ފުލުހުންގެ އިދާރާއަށް ރިޕޯޓު ކުރި އަދަދު އާދަޔާ ހިލާފަށް ގިނަކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިއަދާ ހަމައަށް 4357 ވައްކަމުގެ މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. އެއީ ވޭތުވެ ދިޔަ ތިން އަހަރާ އަޅާބަލާއިރު އެއް ހާހުގެ އިތުރުވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ