ދަރިވަރުންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލަ ފެންމަތިވެއްޖެ

ބޭރުގެ ކޯސްތަކާއި ޔުނިވަސިޓީތަކުގެ މައުލޫމާތު ހޯދުމަށް މެދުވެރިއެއްގެ ރޯލުއަދާ ކުރާ އޭޖެންޓުން ދިވެހި ކުދިންގެ އަތުން ބޮޑެތި އަދަދުން ފައިސާ ނަގަމުންދާ ކަމުގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރުމުގެ ބޭނުމުގައި ރާއްޖެއިން ބޭރަށް ދާ ކުދިން ދަނީ ގޮތް ނޭނގޭ އޭޖެންޓުން މެދުވެރިކޮށް ކަމަށާއި މި އޭޖެންޓުން އެކުދިންގެ އަތުން ކޯހަށްވާ ފައިސާގެ އިތުރުން ބޮޑެތި އަދަދުން ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
އިބްރާހިމް ހަސަން ވިދާޅުވީ މި މައްސަލަ މިނިސްޓްރީ އާއި ހަމަޔަށް އައިސްފައިވަނީ މިކުދިންގެ ފަރާތުން ބެލެނިވެރިން އެ މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުން ކަމަށެވެ. އަދި މިފަދަ އޭޖެންޓުންނަށް ފައިސާ ޖަމާކުރި ކަމުގެ ސްލިޕްކޮޅުވެސް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަށް ދަރިވަރުން ހޭލުންތެރިވާން ޖެހޭނެ ކަމަށާއި މިއީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.
"ބައެއް ކުދިންގެ ކޯސް ފީގެ ގޮތުގައި 2500 ޑޮލަރު ދައްކަންޖެހޭނީ. އެކަމަކު މި އޭޖެންޓުން ދިވެހި ދަރިވަރުން އަތުން އެބަނަގާ 7000 އެއްހާ ޑޮލަރު. އެއާޕޯޓުން ފެށިގެން ހޮސްޓެލްއަށް ގޮސްވެސް މި އޭޖެންޓުން އަނެއްކާ ދަރިވަރުންއަތުން އިތުރަށް ފީނަގާފަ އެބަހުރި. މިގޮތަށް މަސައްކަތްކުރާ އޭޖެންޓުންގެ މައްސަލަތައް ގިނައިން ފާހަގަކުރެވިފައިވަނީ އިރުމަތީގެ ގައުމުތަކަށް ކިޔަވަންދާ ދަރިވަރުންގެ ތެރެއިން. މިފަދަ ކޭސްތަކުގައި އަދި ހާމަވެފައިވަނީ ބިދޭސީން. އެކަމަކު މިކަމުގައި ދިވެހިންވެސް އުޅެޔެކޭވެސް އަދި ނޫޅެޔެކޭވެސް ދަންނަވަން ދަތި. ހަމަ އުޅެވެސްދާނެ." އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް ބޭރު ގައުމުތަކުން އަންނަ ގިނަ ދަރިވަރުން ގެންނަ ސެޓްފިކަޓަކީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލު ނުކުރާ ސެޓްފިކެޓްތައްކަން ފާހަގަ ކުރެވޭ ކަމަށާއި އަދި އެކަން ފާހަގަވަނީވެސް އެކްރެޑިޓް ކުރުމަށް ހުށަހެޅުމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިފަދަ ކޭސްތަކުގައި ގިނައިން ފާހަގަވެފައިވަނީ އެމްބީބީއެސް ކިޔަވާ ދަރިވަރުން ކަމަށާއި ނަމަވެސް މަދުން ނަމަވެސް ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށްވެސް މިފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.
އެހެން ކަމުން ކިޔަވަން ބޭރަށް ދިޔުމުގެ ކުރިން ކޯހާ ބެހޭ ފުރިހަމަ މައުލޫމާތު ހޯދައި ދިރާސާ ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި އެމްކިއުއޭ ގަބޫލުކުރާ ކޯސްތަކުގެ މައުލޫމާތާއި ޔުނިވާސިޓީގެ މައުލޫމާތު އެ މިނިސްޓްރީންވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އޭޖެންޓުން މެދުވެރިކޮށް ދާ ދިޔުން ހައްލު ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ފައްޓަވާފައިވާ ކަަމަށެވެ. އެގޮތުން ކޯސްތަކުގައި ހުންނަ ތަރުޖަމާ ކުރަންޖެހޭ ޑޮކިއުމަންޓްސްތައް ތަރުޖަމާ ކުރުމަށް ދިވެހިން ޓްރެއިން ކުރުމަށް ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ