ސުޕްރީމް ކޯޓުގެ އަމުރު ބާތިލްކުރަން މަޖިލީހުން ނުނިންމާ: އަމީން އާންމު
ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު، ސްޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ނެރުނު އަމުރު ރައްޔިތުންގެ މަޖިލީހުން ބާތިލް ކަމަށް ނިންމާފައި ނުވާނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވެއްޖެ އެވެ. މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ އެއްވެސް ނިންމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ނަމަވެސް ނިންމާ ކޮންމެ ނިންމުމެއް ބާތިލް ވާނެ ކަމަށެވެ. އެ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މިދިޔަ އަންގާރަ ދުވަހު މަޖިލީހުން ވަނީ ކަނޑައަޅާފައެވެ. އަދި ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމި ނިމުން ސައްހަ ކަމަށް ވެސް މަޖިލީހުން ވަނީ ނިންމާފަ އެވެ. މަޖިލީހުން ޖޭއެސްސީގެ ނިންމުން ސައްހަކަމަށް ނިންމީ، މިދިޔަ އާދިއްތަ ދުވަހު ޖުޑީޝަރީ ކޮމިޓީން ޖޭއެސްސީގެ ނިންމުން ސައްހަ ކަމަށް ކަނޑައެޅުމަށް މަޖިލީހުން ހުށަހެޅުމުންނެވެ. https://twitter.com/sunbrk/status/1140909037086806017 މިއަދު މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން އާންމު ނިއުޝާ ވިދާޅުވީ، މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުގެ "ސީދާ އިބާރާތް ހަދާން ނެތް" ކަމަށާއި ނަމަވެސް "ސުޕްރީމް ކޯޓުގެ އަމުރެއް ބާތިލް ކުރުމަށް" މަޖިލީހުން ނިންމާފައި ނުވާ ކަމަށެވެ. "މަޖިލީހުގެ ރައުޔަކީ މަޖިލީހަކީ މިނިވަން މުއަސަސާއެކޭ. ސުޕްރީމް ކޯޓުން މަޖިލީހުގެ މަސައްކަތްތައް ނިންމަންވީ ގޮތެއް ނުނިންމޭނެ. ކޮންމެ މުއަސަސާއަކުންވެސް އެ މުއަސަސާއައެއްގެ ގާނޫނީ ހުދޫދުގެ ތެރޭގައި ތިއްބަވަން ވާނީ،" ސުޕްރީމް ކޯޓުގެ އަމުރު ބާތިލް ކުރުމަށް މަޖިލީހުން ނިންމިދާނެ ތޯ ސުވާލުކުރުމުން ނިއުޝާ ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ގަބޫލުފުޅު ކުރައްވަނީ ތޯ ސުވާލުކުރުމުން ނިއުޝާ ވިދާޅުވީ،"އެކަމަށް އެއްޗެއް ދަންނަވަން ނެތިން" ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ވާޅުކޮށް މަޖިލީހަށް ރިޔާސަތުން ހުށަހައްޅުއްވާ މައްސަލައެއްގެ ގޮތުގައި މައްސަލައެއް ހުށަހަޅުއްވާފައެވެ. މައްސަލަ ހުށަހަޅުވަމުން ރައީސް ނަޝީދު ވަނީ އަމުރަކީ، ރައްޔިތުންގެ ބާރުތަކަށް އަރައިގަތުން ކަމަށް ސިފަކޮށްފަ އެވެ. https://twitter.com/sunbrk/status/1141240353158287361 ނަޝީދު ހުށަހެއްޅުއްވި އެ ހުށަހެޅުއްވަމަށް ބަހުސް ކުރެއްވުމުން ގިނަ މެމްބަރުން ބުނެފައިވަނީ އެ އަމުރަކީ މަޖިލީހަށް ނެރެވިގެން ވާނެ އަމުރެއް ނޫން ކަމަށެވެ. އަދި އިއްޔެ މަޖީލިހުގައި ވަނީ އެ މައްސަލައާ ގުޅިގެން ތިން ހުށަހެޅުއްވުމަކާއި އިގުރާރެއްވެސް ފާސްކޮށްފަ އެވެ. ތިން ހުށަހެޅުއްވުމުގެ ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރު ކަނޑުވާލުމަށް އަމުރު ނެރުނު ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލެމަށްފަހު ފިޔަވަޅު އެޅުމަށް މަޖިލީހަށް ފޮނުވުމަށާއި ޖޭއެސްސީގެ ގާނޫނާ އެއްގޮތަށް އެ ފަނޑީޔާރުން ފަނޑިޔާރުކަމަށް ޝަރުތު ހަމަތޯ ބެލުމަށާ އަދި ފަނޑީޔާރުންގެ ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ނަމަ އެކަން ވެސް ބެލުމަށެވެ. ތިން ހުށަހެޅުންވެސް ހުށަހެއްޅުއްވީ، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ހުށަހެޅުމާ ގުޅޭގޮތުން ނިއުޝާ ވިދާޅުވީ، އެ ހުށަހެޅުންތައް ޖޭއެސްސީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. ތިން ހުށަހެޅުމުގެ އިތުރުން ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ފާސް ކުރި އިގުރާރުގައި ބުނެފައިވަނީ، މަޖިލީހުގެ ބާރުތަކާއި އެހެން ވެސް މުއައްސަސާތަކުގެ އިމަށް ސުޕްރީމް ކޯޓުން އަރައިގަންނަ ނަމަ، އެކަމުގައި އެކަށީގެންވައި ފިޔަވަޅު ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓާ މެދު އަޅާނެ ކަމަށެވެ. އެ އިގުރާރު ހުށަހެޅުއްވީ ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިންއެވެ. އެ އިގުރާރުގައި އަޅާނެ ފިޔަވަޅެއް ބަޔާން ކޮށްފައި ނުވެއެވެ. ނިއުޝާ ވިދާޅުވީ، އެ އިގުރާރާ ގުޅިގެން ސުޕްރީމް ކޯޓުން އެފަދަ ކަމެއް ކޮށްފި ނަމަށް ގޮތެއް ނިންމަވާނީ މަޖިލީހުގެ މެމްބަރުން ކަމަށެވެ. https://sun.mv/120596
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ