ކުރީގެ އެއް ނައިބު ރައީސަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބަނޑޮސްގެ އޯނަރު މުހަންމަދު ވަހީދުއްދީނެވެ. އަނެއް ނައިބު ރައީސަކީ، ވިޔަފާރީގެ އާއިލާއެއްގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު ޖަމީލެވެ. ދެން ސަލާމަތުން ހުންނެވި އަނެއް ނައިބު ރައީސަކީ ވެސް، އެ މަގާމަށް ވަޑައިގަތުމާ ހަމައަށް ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. މި ތިން ބޭފުޅުން މަގުމަތިވާން ޖެހޭ ސަބަބެއް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތަށެވެ!
ކުރީގެ ނައިބު ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުމާ އެކު، ދެން އިވެން ފެށި ވާހަކައަކީ އެއީ ކުރަން ކިހާ މުހިންމު ކަމެއްތޯ އެވެ. ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ދަތި ހާލުގައި އުޅެމުން ދާއިރު ނައިބު ރައީސްކަން ކުރިއެކޭ ކިޔައިފައި މާލީ އިނާޔަތްތައް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ޚުދު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ސުވާލު އުފައްދަވާފައި ވެ އެވެ.
މި ސުވާލުތައް ކުރަމުން މި އަންނަނީ ސަބަބުތަކެއް އޮވެގެންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ނުކުތާ ވަރުގައި އޮތުމެވެ. އަނެއް ސަބަބަކީ ރައްޔިތުންނަށް ކަންކަން ނުވެ، ހަރަދުތައް އިންތިހާއަށް ބޮޑުވެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަރާފައި އޮއްވާ، މަތީފަންތި އަށް އަނެއްކާ ވެސް ހަރަދުތަކެއް ކުރަން ޖެހުމެވެ. ރާއްޖެ އަކީ، މިފަދަ މަގާމުތަކަށް ދާއިމަށް ހަރަދުކުރެވޭ ވަރުގެ ތަނަވަސްކަން އޮތް ގައުމަކަށް ނުވާތީ، މި ވެސް ސަބަބެކެވެ.
ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހެޅުއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސުން މަގާމަށް ފަހު މަގުމަތިވެފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ދިރިއުޅުއްވާނެ ތަނެއް ނެތި، އަދި ލިބިވަޑައިގަންނަވާ އާމްދަނީއެއް ނެތުމަކީ ގައުމު ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ. ކުރީގެ ނައިބު ރައީސުންނަކީ ގަދަރާއި އިއްޒަތް ލިބިގެންވާ ބަޔަކަށް ވާން ޖެހޭ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އަޅުގަނޑު ވެސް އެއްބަހެވެ. ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ހާއްސަ ކަންތައްތަކެއް އޮންނަން ޖެހެ އެވެ. އެކަމަކު، އަޅުގަނޑު ހިތަށް އަރާ އެއްޗަކީ، އަދި ރައްޔިތުންގެ ކަންބޮޑުވުމަކީ ވެސް މުޅިން އެހެން ކަމެކެވެ. މި ގައުމުގައި ރައްކާތެރިކަމާއި ގަދަރާއި އިއްޒަތް ގާނޫނަކުން ދޭންވީ ހަމައެކަނި ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް އެކަނިތޯ އެވެ؟ ނޫނެކެވެ. ރައްޔިތުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުވެފައިވާ ހައްގުތަކާއި ރައްކާތެރިކަން ނުލިބި އޮތް އިރު ވަކި ބަޔަކަށް ވަކި ރައްކާތެރި ކަމެއް ކަށަވަރު ކުރެވެން ޖެހޭ ސަބަބެއް ނުވިސްނެ އެވެ.
ގައުމުގައި ރައްކާތެރިކަމަށް ބޭނުން ނުވާ އެކަކު ވެސް ނެތެވެ. އެންމެން ވެސް މި އުޅެނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެންނެވެ. އަނގަޔާ އަތަކާ ދިމައެއް ނުވެ އެވެ. ހަރަދުތައް އެހާ ބޮޑެވެ. ލިބޭ މިންވަރު މި އޮންނަނީ ލިމިޓްވެފަ އެވެ. ވައްކަން އެހާ ގިނަ އެވެ. ފޭރުން އެއަށް ވުރެ ގިނަ އެވެ. އެކި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު މިހާރު މި ދަނީ މައްޗަށެވެ. ބޯމަތިން އެއްޗެއް ނުވެއްޓޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. މަގުމަތިން އެއްޗެއްގައި ޖެހޭނީ ކޮން އިރަކުން ކަމެއް ނޭނގެ އެވެ. މި ހުރިހާ ކަމެއް ބޮއްސުން ލާފައި އޮއްވާ އަނެއްކާ ވެސް މަތިމައްޗަށް "ބޭކާރު" ހަރަދުތައް ކުރާކަށް ރައްޔިތުންނެއް ނޭދެ އެވެ.
ތެދެކެވެ؛ ދުނިޔޭގެ ގައުމުތަކުގައި ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް އޮންނަނީ ގަދަރުވެރިކަން ދީފަ އެވެ. އެ ގައުމުތަކުގައި ރައީސްކަން ނުވަތަ ނައިބު ރައީސްކަން ކުރުމަށް ފަހު ދެން އެ ބޭފުޅެއްގެ ދިރިއުޅުން މުޅި އުމުރަށް "ސަލާމަތްވީ" އެވެ. ހަމަ މި އުސޫލު އެ ގައުމުތަކުގައި ނެޝެނަލް އެވޯޑާއި ރައީސުންގެ އެވޯޑާއި ދައުލަތުގެ އެވޯޑުތައް ހޯދާ މީހުންނަށް ވެސް އޮވެ އެވެ. އެކަމަކު އެ ހިސާބަށް އެކަންކަން ގެންގޮސްފައި ހުރީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދީފަ އެވެ. އަޅުގަނޑުމެންނާ ހިލާފަށް އެ ގައުމުތަކުގައި އިސްކުރަނީ ރައްޔިތުންނެވެ. ދެން ވެރިންނެވެ. އެކަމަކު އެކަން އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތެވެ. މި ގައުމުން މި ފެންނަ މަންޒަރަކީ ނެޝެނަލް އެވޯޑު ހޯދާ މީހާ ވެސް މަގުމަތިވެފައި ހުންނަ ތަނެވެ.
ރާއްޖޭގައި ކަންކަން ހިނގަނީ ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށެވެ! މުއްސަނދިކަން ބައި މި އެޅެނީ ވަކި ބަޔަކަށެވެ! އެ ޑިސްޓްރިބިއުޓް މި ވަނީ ވެސް ވަކި ބަޔަކަށެވެ! ރައްޔިތުން މި ތިބެނީ ތިބޭ ހިސާބެއްގަ އެވެ! މި ރައްޔިތުން މި ހާލުގައި އުޅެން ދޫކޮށްލައިފައި، ކުރީގެ ނައިބު ރައީސުންނޭ، ރައްކާތެރިކަމޭ، މާލީ އިނާޔަތޭ ކިޔުމުގެ ބޭނުމެއް ނެތެވެ.
ކޮލަމް ހަޅަ: މަގުމަތިވީ ނައިބު ރައީސުންނެއް ނޫން، ރައްޔިތުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ