މޫސުން ގޯސްވެ، ހުވަދު އަތޮޅަށް ވެސް ބޮޑު ގެއްލުންތަކެއް!

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެގޮތުން ވިއްސާރަވެ، ވައިގަދަ ވުމުގެ ސަބަބުން ގދ. ހޯޑެއްދޫގެ ބަނދަރު މަތީގައި ހުރި ދެ ބޮޑު ކަޅު ފެން ހަން ވަނީ ވަޔާ މޫދަށް ވެއްޓިފަ އެވެ.
އެ ދެ ހަން އޮޔާ ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދެ އެވެ. އަދި އެތަކެތި ކަނޑުން ފެނިއްޖެ ނަމަ ތިނަދޫ ފުލުހުންގެ ނަންބަރު 9792358 އަށް އެންގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
އޭގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްރަށުގައި ވައިގަދަވެ، ގެތަކުގެ ފުރާޅު ވަނީ ވަޔާއި އެއްލާލާފަ އެވެ. އަދި ބައެއް ރުއް ގަސް ވެއްޓުމުގެ ހާދިސާ ވެސް ވަނީ ހިނގާފަ އެވެ.
ފުލުހުން ވަނީ ހުރިހާ އެންމެން ވެސް ސަމާލުވެ ތިބުމަށް އެދިފަ އެވެ. އަދި ގެއްލުން ލިބުނު ގެތަކަށް އެހީވުމުގައި ތިނަދޫ ފުލުހުން އުޅެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ