ޑިމޮކްރަސީ އެންމެ މަތީ މަރުހަލާއަށް ރާއްޖެ ގެންދެވޭތޯ އެމްއާރުއެމުން މަސައްކަތް ކުރާނެ: މައުމޫން

ޑިމޮކްރަސީ އެންމެ މަތީ މަރުހަލާއަށް ރާއްޖެ ގެންދެވޭތޯ އެމްއާރުއެމުން މަސައްކަތް ކުރައްވާނެކަމުގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ތާއީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން މާއްދާ4 އިފުތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މާއްދާ 4“ ގެ ނަމުގައި ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ ހުރިހާ ކަމެއްވެސް މިހާރު ވަނީ އިސްލާހުކުރަން ޖެހިފައި ކަމަށާއި އެހެންކަމުން އެމްއާރުއެމް ނިކުމެ އޮތީ އެކަންކަން އިސްލާހު ކުރަން ކަމުގައެވެ.
ރައީސް މައުމޫން ވިދާޅުވީ ނިމިގެންދިޔަ ފަސް އަހަރު ރައްޔިތުންނަށް ތަފާތު ގެއްލުންތައް ލިބިފައިވާ ކަމަށާއި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި  ބިރުވެރިކަން ވަރަށް ބޮޑަށް އިތުރުވެ، މާޔޫސްވި ތަން ފެނިގެން ގޮސްފައިވާކަމަށެވެ. އެހެންކަމުން އެމަންޒަރުތަކަކީ ދެން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރުތަކެއް ނޫން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ގައުމަށް ހަމަޖެހުން އަންނާނީ ސަރުކާރާ އެކު ތިބެގެން ކަަމަށާއި، އެގޮތުން އެމްއާރުއެމް އޮންނާނީ ސަރުކާރާ އެކުގައިކަން ފާހަގަކުރައްވަމުން ރައީސް މައުމޫން  ވިދާޅުވީ އެމްއާރުއެމްގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ލީޑަރުންނަށް ވެސް މަސައްކަތް ހުރިގޮތުން ވަޑައިނުގެންނެވުމަކީ ލިބުނު ފަޅުކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ