އުމަރު އިސްވެ އިދިކޮޅު މާހެފުމެއް ބާއްވަނީ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ "އިދިކޮޅު މާހެފުން" ގެ ނަމުގައި މާހެފުމެއް ބާއްވަން ނިންމައިފި އެވެ.
ފޭސްބުކް މެދުވެރިކޮށް އުމަރު ވިދާޅުވީ "އިދިކޮޅު މާހެފުން" އޮންނާނީ، މޭމަހުގެ ތިންވަނަ ދުވަހުގެ ރޭ 9.00 ގައި ޕީޕީއެމް އޮފީހާ ދިމާއިން އާޓިފިޝަލް ބީޗު ކުރިމަތީގައި ކަމަށެވެ. އަދި އެ މާހެފުމުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ދައުވަތެއް ދެއްވާފަ އެވެ.
ޕީޕީއެމް އުފެެއްދި ދުވަސްވަރު އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އުމަރު މިހާރު ވަނީ އެ ޕާޓީގެ ރައީސަކަށްވެ ވަޑައިގަތުމުގެ ޝައުގުވެރިކަން ވެސް ފާޅު ކުރައްވާފަ އެވެ.
އުމަރު އަލުން ޕީޕީއެމާ ގުޅި ވަޑައިގަތުމަށާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ހިއްސާ ކުރައްވައިފަ އެވެ.
އުމަރު ޝައުގުވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ލީޑަރަކަށް ނުވަތަ ރައީސްގެ މަގާމަށް ވަޑައިގަންނަވަން ކަމަށާއި، އަދި އެ މަގާމް ލިބިވަޑައިގެންފި ނަަމަ ޕީޕީއެމް އަލުން ކޮޅަށް ޖަހައި "ރީ ބްރޭންޑު" ކުރައްވާނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ