އަދީބުގެ ޓެރަރިޒަމް ދައުވާއާގުޅޭ އަޑުއެހުމެއް ސުޕްރީމްކޯޓުގައި މާދަމާއަށް ތާވަލްކޮށްފި

ހިޔާނާތާއި ޓެރަރިޒަމްގެ ތުހުމަތުގައި ތަފާތު ދައުވާތައް އުފުލިފައިވާ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ ޓެރަރިޒަމްގެ ދައުވާއާގުޅޭ އަޑުއެހުމެއް މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ މި މައްސަލައަކީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޕީ) ގެ މައްޗަށް އަދީބު ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ. އެހެންކަމުން މިއީ އަދީބު ފިސްތޯލައެއް ގެންގުނު މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރުމުން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވެއްދި އިލްތިމާސްގެ މައްސަލައެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ، މާދަމާ 12:45އަށް ތާވަލް ކޮށްފައިވާ މި ޝަރީއަތުގެ އަޑުއެހުމުގަގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވާނީ، އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، އާއި އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދެވެ.
ފިސްތޯލައެއް ގެންގުޅުނު ކަމަށް އަދީބުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން 5 ގައެެވެ.
ފިސްތޯލަ ގެންގުޅުނު މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ ދައުވާ އެވެ.
އެ ދައުވާގައި 2015 ވަނަ އަހަރުގެ މެއިޑޭގެ ކުރީ ދުވަހު އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ޝަރީއަތުގައި ހެކިން ހެކި ބަސް ދިނެވެ. އޭގެ ފަހުން އަދީބު ދިރިއުޅުނު ރެހެންދި ފްލެޓުން ވެސް ފިސްތޯލައެއް ފެނުނު ކަމަށް ހެކި ބަސް ދިނެވެ.
ފިސްތޯލަ ގެންގުޅުމުގެ އިތުރުން، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ވެސް ޓެރަރިޒަމްގެ ދައުވާ ކޮށް އަދީބުގެ މައްޗަށް 15 އަހަރު ދުވަހުގެ ހުކުމެއް އިއްވިއެވެ. ފިނިފެންމާ ލޯންޗުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މައްސަލަ ބަލައި އަދީބުގެ މައްޗަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އޭނާއަށް އިއްވި އެންމެ ބޮޑު ޖަލު ހުކުމެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން އެ ކޯޓްގެ މައްޗަށް ހައިކޯޓުން މިމަހުގެ ވިހިވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ