މެމްބަރު ރިޒާ ހުވާކުރެއްވުން މާދަމާ ހެނދުނު މަޖިލިހުގައި

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި، ހުވާނުކޮށް ހުންނެވި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ، މެމްބަރު ކަމުގެ ހުވާކުރެއްވުން މާދަމާ ހެނދުނު މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ނިންމައިފި އެވެ.
މިއަދު މަޖިލީހުގެ އިދާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، އިންތިހާބުވެފައިވާ މެމްބަރުންގެ ތެރެއިން މެމްބަރު ކަމުގެ ހުވާ ނުކޮށް ހުންނެވި ރިޒާ މާލެ ވަޑައިގަންނަވާފައިވާ ކަމަށާއި، އެހެންކަމުން ރިޒާ މެމްބަރު ކަމުގެ ހުވާކުރުން މާދަމާ ހެނދުނު 10:00 ގައި މަޖިލީހުގެ އިދާރާގައި އޮންނާނެ ކަމަށެވެ.
ނިއުޝާ ވިދާޅުވީ ރިޒާ ހުވާކުރައްވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކުރިފުޅު މަތީގައި ކަމަށާއި އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވި ރަސްމިއްޔާތު މަޖިލީހުގެ އިދާރާގައި ބާއްވާފައިވަނީ މޭ މަހުގެ 28 ވަނަ ދުވަހުގެ ރެ އެވެ. ހުވާ ކުރުމުގެ އެ ރަސްމިއްޔާތުގައި ރިޒާ ބައިވެރިވެފައި ނުވަނީ އޭނާ އުމުރާގެ އަޅުކަމުގައި އުޅުއްވުމާއި ގުޅިގެންނެވެ.
ރިޒާއަކީ އިދިކޮޅު ޕީޕީއެމްގެ މެމްބަރެކެވެ. އަދި ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް މަޖިލީހުން ކަނޑައެޅުއްވި މެމްބަރެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެކޮމިޝަނަށް ކަނޑައަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ