ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށާއި ޕީޕީއެމް އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިން ޑީއާރްޕީ އޮފީސް ހިންގި ހ. ތެމާގައި އަލަށް ހެދި ޕީޕީއެމްގެ އާ އޮފީސް ހުޅުވައި ދެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުރާ ކަމަށް ރައްޔިތުން އަބަދުވެސް ގަބޫލުކުރާއި ކަމަށާއި އަންނަ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކަމިޔާބު ކުރާނެ ކަމަށެވެ.
"ޕިޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްކަން އަބަދުވެސް ރައްޔިތުން ގަބޫލުކުރޭ. ޕާޓީ މި އަންނަނީ އިތުރަށް ވަރުގަދަ ވަމުން. އިރާދަ ކުރެއްވިއްޔާ އަންނަ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކަމިޔާބު ކުރާނަން،" މައުމޫނު ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާގެ ސަރުކާރުގައި ރާއްޖެއަށް ތަރައްގީގެ ލިބުނު ކަމަށާއި އެ ވާހަކަތައް މިހާރުވެސް ދެއްކެން އޮންނާނެ ކަމަށެވެ. އަދި މަދަރުސާއާއި ހޮސްޕިޓަލާއި އެއާޕޯޓްތައް ހަދައިދީފައިވާނެ ކަމަށާއި އެވާހަކަތައް ދެއްކެއް އޮންނާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބުނެވެން އެބައޮތް އަޅުގަނޑުމެންގެ އިސް ބޭފުޅުން ސަރުކާރު ހިންގަވަން ތިއްބެވިއިރު ރާއްޖެ އަށް އައިސްފާ އޮތް ތަރައްގީ މި އޮތިއްޔޭ. މިތައް މަދަރުސާ އަޅުގަނޑުމެން ހަދާފީމޭ. މިތައް ހޮސްޕިޓަލް ހަދާފީމޭ. މިތައް އެއާޕޯޓު ހަދާފީމޭ. މިތައް ރިސޯޓު ހަދާފީމޭ. މިހާ ކުރިއެރުން ރައްޔިތުންނަށް ހޯދާދީފީމޭ. މި ހުރިހާ ވާހަކަ ތަކެއް ޕީޕީއެމްގައި ތިއްބެވި ބޭފުޅުންނަށް ދެއްކެން އެބައޮތް،" މައުމޫނު ވިދާޅުވި އެވެ.
ޕީޕީއެމަށް ލިބޭ ކާމިޔާބީ ތަކާއި ދޭތެރޭގައި ކަންބޮޑުވާ ސިޔާސީ ފަރާތްތައް ތިބޭނެ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޕީޕީއެމަށް ރައްޔިތުން ތާއީދު ކުރަނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ޕާޓިގައި ތިބުމުން ނޫން ކަމަށެވެ.
ޑީއާރުޕީގެ އޮފީސް ކުރިން ހުރި ތަނުގައި ޕީޕީއެމުގެ އޮފީސް ހުޅުވާފައިވާ އިރު ބޮޑެތި މަރާމާތުތަކެއް ވެސް ކޮށްފައިވެއެވެ. މިހާތަނާއި ޖެހެންދެން ޕީޕީއެމުގެ އޮފީސް ހިންގަމުން ގެންދިޔައީ ސަކީނާ މަންޒިލުގެ އަށްވަނަ ފަންގިފިލާގައެވެ. ޑީއާރުޕީންވަނީ އެމީހުންގެ އޮފީސް ބާއިންޖީނުގޭ ފަހަތުގައި ހުރި ގެއަކަށް ބަދަލުކޮށްފައެވެ.
ޕީޕީއެމުން އަންނަނީ އިތުރަށް ވަރުގަދަ ވަމުން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ