ރައީސް ޑރ.ވަހީދުގެ ސަރުކާރުން އެއްވަނަ ގިޔަރުގައި ގައުމު ނުހިންގޭނެ ކަމަށާއި މިއަދު އެގިޔަރު ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާނޫނު ތަންފީޒު ކުރައްވަން ވީމަ، ފަހަތަށް ޖެހިވަޑައިގަންނަވަމުން ގެންދަވާ ކަމަށާއި ގާނޫނު ތަންފީޒުކުރަން އެބޭފުޅުންނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.
އުމަރު ވިދާޅުވީ ނަޝީދު އިސްކޮށް ހުންނަވައިގެން މަގުމަތީގައި އެމްޑީޕީން ހިންގާ ހަރަކާތްތައް މިސަރުކާރުން ނުހުއްޓުވައިފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އެކަން ހުއްޓުވާނެ ކަމަށެވެ.
"ނަޝީދުމެން މަގުމައްޗަށް ނުކުމެ އަޅުގަނޑުމެންގެ އިގުތިސާދަށް ހުއްޓުން އެރުވުމަށްޓަކައި އެކިއެކި ކަންކަން ކޮށް ތަންތަނުގައި އަލިފާން ރޯކޮށް މީހުންގެ ގަޔަށް ވަޅި ހަރައި މީހުންގެ ގަޔަށް ވަޅި ހެރުމަށް ހިތްވަރުދީ، ހުދު މުހަންމަދު ނަޝީދު ނުކުންނަވައި ފުލުހުންނަށް އިންޒާރުދީ އެކަން ކުރުމާއި އެކަން ކުރުމަށް ހިތްވަރު ލިބިގެން މަގުމައްޗަށް ނުކުމެ ވައްކަން ކުރުމާއި މީހުންގެ ގަޔަށް ވަޅި ހެރުމާއި މީހުން މެރުން." އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދު ގާނޫނާއި ޚިލާފަށް ކުރައްވާފައިވާ ކަންތަކުގެ ހައްގު އަދަބު ޕީޕީއެމްގެ ސަރުކާރެއްގައި ދޭނެ ކަމަށާއި، ގައުމުގެ ރައްޔިތއުން މިއަދު އެންމެ ކަންބޮޑުވާ މައްސަލަ ކަމަށްވާ މަގުތައް އަމާން ތަނަކަށް ހަދާ، މާރާމާރީތަކާއި، ވަޅިހެރުންތައް ހުއްޓުވާނެ ކަމަށެވެ.
ޕީޕީއެމް ސަރުކާރެއްގައި އެކަންތައް ކުރުމުގައި އިސްކޮށް ހުންނެވީ ނަޝީދު ކަމަށް ވިޔަސް، އަދި އެހެން މީހަކު ކަމަށް ވިޔަސް އެމީހަކަށް ގާނޫނީ ގޮތުން އަދަބު ދޭނެ ކަމަށާއި ގާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ނޮވެމްބަރު ،3 1988 ގެ އުދުވާނީ ހަމަލައިން ވެސް ދިވެހި ދައުލަތަށް ނުލިބޭހާ ބޮޑެތި ގެއްލުންތަކެއް މިދިޔަ 6 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިއްޖެ ކަމަށެވެ.
ޖީއެމްއާރާއި ބެހޭގޮތުން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އަތުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު އަނބުރައި ހޯދުމުގައި މިސަރުކާރަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ ޑީއާރުޕީކަމަށާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީވެސް ސީދާ ޖީއެމްއާރާ ގުޅުންހުރި ދަތުރެއްކަމަށެވެ.
"މިހާރު ތަސްމީން އިންޑިޔާއަށް ކުރައްވާ ދަތުރުފުޅަކީވެސް ޖީއެމްއާރާއި ގުޅުންހުރި ދަތުރެއް އެނގޭތޯ. އެއްގޮތަކަށްވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ، އެހެންކަމަކާއި ގުޅުންހުރި ދަތުރެއް ހެން މިއަކީ. އެހެން ނޫނިއްޔާ ދިވެހިރާއްޖޭގައި އެންމެ ބޮޑު އިދިކޮޅު ޕާޓީއެއް ނޫންކަން އެންމެނަށްވެސް އެނގޭ" އުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ދިވެހި ރައްޔިތުން އެދޭ ޙައްލު މިސަރުކާރަށް ހޯދޭނެކަމަށް ޤަބޫލުކުރައްވާކަމަށާއި ނަމަވެސް ޖީއެމްއާރު މައްސަލައިގައި މިސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ޑީއާރުޕީން އެއްބާރުލުން ނުދޭކަމަށެވެ.
މި ސަރުކާރަކަށް އެއްވަނަ ގިޔަރުގައި ގައުމެއް ނުހިންގޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ