ޕީޕީއެމްގެ ރައީސްކަމުގެ މަގާމަށް މައުމޫން ކުރިމަތިލައްވައިފި

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިންތިގާލީ ރައީސްކަމުގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެޕާޓީގެ ދާއިމީ ރައީސް ކަމުގެ މަޤާމަށް މިއަދު ކުރިމަތި ލައްވައިފިއެވެ.
މިކަން އިއުލާންކޮށް  މިއަދު  ޕީޕީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކަމުގައި ޕީ.ޕީ.އެމްގެ އެންމެހާ މެންބަރުންގެ ފުރިހަމަ ތާޢީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި މިމަޤާމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ލިޔާޤަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ޕާޓީއަށާއި، ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުންނަވާނެކަމަށް ވެސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވެސް ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"މިމަޤާމަށް ކުރިމަތި ލައްވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިކަމުގައި ޕީ.ޕީ.އެމްގެ އެންމެހާ ލޮބުވެތި މެންބަރުންގެ ފުރިހަމަ ތާޢީދަށް އެދިވަޑައިގަންނަވާ ކަމަށާއި، މިމަޤާމަށް އިންތިޚާބު ކޮށްދެއްވައިފިނަމަ މާތް ﷲ ގެ ވާގިފުޅާއިއެކު ލިޔާޤަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ޕާޓީއަށާއި، ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުންނަވާނެކަމަށެވެ." ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް އޮފީހުގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމްގެ ދާއިމީ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމީ ޕާޓީ އުފެދިގެން އައީ ވެސް އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުން އެމަނިކުފާނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި ކުރިއަށް އޮތް ތާނގާގައި ވެސް ޕާޓީ ހަރުދަނާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމެވެ.
“އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް ޕާޓީ އިތުރަށް ހަރުދަނާ ކޮށް އިތުރަށް ކުރިއަށް ގެންދިއުމުގަ ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ބޭނުންވާތި ޕާޓީގެ މެމްބަރުން އެދިވަޑައިގަންނަވާ ކަމަށް ވަންޏާ އަޅުގަނޑު ހަމަ ޕާޓީގެ ރައީސްކަމުގަ ހުންނަން ގަސްތުކުރަން، އެހެންވީމާ އިރާދަކުރެއްވިޔާ ކުރިމަތިލާނަން،” 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސްކަމަށް ކުރިމަތިލެއްވުމަކީ ޕާޓިގައި ޒުވާނުންނަށް ފުރުސަތު ނެތްކަމަށް ބުނެވޭނެ ޖާގަ އޮތް ކަމެއް ނޫން ކަމަށާއި ދުނިޔޭގެ އެހެންތަންތާންގައި ވެސް ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނަނީ ތަޖުރިބާ ހުރި ތަންކޮޅެއް ދުވަސްވީ މީހެއް ކަމަށެވެ.
އަދި އެއްވެސް ގައުމެއްގައި ލީޑާޝިޕްގައި ހުންނަ ބޭފުޅަކީ ޕާޓީގައި ހުންނަ އެންމެ ހަގު މީހާ ނޫން ކަމަށާއި ޕާޓީގައި އޮންނަނީ އެންމެ މަގާމަކަށް ނުވާތީ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ޕާޓީގައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ “ދަ ހިންދޫ” އަށް އިންޓަވިއުއެއްގައި ރައީސް މައުމޫން މީގެކުރިން ވިދާޅުވީ ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށާއި ނަމަވެސް އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ