ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް

ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާކަމުގެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު ލަތީފް އެ މަގާމުން ވަކިކޮށްފައި ވަނީ ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއައި ބެހޭ ޓްރައިބިއުނަލުން މިއަދު ކަނޑައަޅައިފިއެވެ.
ފާތުމަތު ލަތީފް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 14 ވަނަ ދުވަހު ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅުއްވީ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުގައި ހުންނަވައިގެން ރެޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރަން އުޒުރުވެރިވާ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރަށް ފޮނުއްވި ސިޓީއަކަށް ފަހުގަ އެވެ.
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ފާތުމަތު ލަތީފު އުޒުރުވެރިވާ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރަށް ލިޔުނު ސިޓީއާއި ގުޅިގެން އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގާ ދީފައިވާ އިންޒާރަކީ ބާތިލު އިންޒާރެއް ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.
މައްސަލަ ބެލި މަޖިލީހުންގެ ތިން މެންބަރުން އިއްތިފާގުވެވަޑައިގެންފައި ވަނީ ފާތުމަތު ލަތީފް މަގާމުން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ގަވާއިދާ ވެސް ހިލާފަށް ކަމަށެވެ.
ޓްރައިބިއުނަލްގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ފާތުމަތު ލަތީފުއަށް ދީފައިވާ އިންޒާރަކީ ސައްހަ އިންޒާރެއް ކަމަށާއި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ނަމަވެސް އެކަން ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.
ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލާގައި، ވަޒީފާ އަނބުރާ ރުޖޫއަކޮށްދިނުމުގެ ބަދަލުގައި އެދިފައި ވަނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މިހާ ހިސާބަށް ވަޒީފާގައި ދެމިހުރި ނަމަ ލިބޭނެ މުސާރަ އާއި އިނާޔަތާއި ބަދަލުގެ ގޮތުގައި ލިބޭ ފައިސާ ހޯދުމަށެވެ.
އެހެން ކަމުން ޓްރައިބިއުނަލުން މިއަދު އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ފާތުމަތު ލަތީފު ވަޒީފާއިން ވަކިކުރި 15 ސެޕްޓެމްބަރު 2011 ތާރީހުން ފެށިގެން މިއަދާއި ހަމައަށް އޭނާއަށް ލިބެން ޖެހޭ 248،334.27 ލާރި 10 ދުވަހުގެ ތެރޭގައި އެއްފަހަރާ ދިނުމަށް އަންގާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ