ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހިތްތަކަށް ސިޔާސީ ވިސްނުން ވަނުމަކީ ޤައުމުގެ ހަލާކު- ރައީސް ޔާމީން
ﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރުންގެ ހިތްތަކަށް ސިޔާސީ ވިސްނުން ވަނުމަކީ ޤައުމުގެ ހަލާކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.އެމަނިކުފާނު މިހެން ވިދާޅުވީ ކުއްލިއަކަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ގައުމު ހަލަބޮލިވެ، ކުއްލި ހާލަތު އިއުލާން ކުރަން ޖެހުމާއި ގުޅިގެން ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ދައުލަތުގެ 3 ބާރުގެ ތެރެއިން ސިޔާސީ ވިސްނުމުގައި ކަންކަން ބަދަލު ކުރުމުގެ އިޙްތިޔާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައި ވީ ނަމަވެސް ސުޕްރީމް ކޯޓަށް އެ އިޙްތިޔާރު ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓަކީ އެމަނިކުފާނު ވަރަށް އިހްތިރާމް ކުރާ ކޯޓެއް ކަމަށާއި އެކޯޓުން ނިންމާ ނިންމުންތަކަށް ފާޑު ނުކިޔުމަށް އެމަނިކުފާނު އަބަދުވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެކޯޓުގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމުގައި ބަލައި އިތުރު ގޮތެއް ނިންމަން ދެވޭނެ އެހެން ކޯޓެއްވެސް ނޯންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިއަކީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރެއް ނޫން ކަމަށާއި އެއީ ރައްޔިތުން އިންތިޚާބު ކޮށްފައިވާ ވެރިއެއް ނޫން ކަމަށެވެ. އަދި އިސް ފަނޑިޔާރުގެ ސިކުނޑިއަށް ނުބައި ވިސްނުމެއް ވަދެ، ސިޔާސީ އެނބުރުމެއްގެ ތެރެއިން ބަދަލުވެގެން ގޮސް، ގޯސް ގޮތަކަށް ކަންކަން ކުރަން ފައްޓަވައިފިއްޔާ ގޯސް ނަތީޖާ ނިކުންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ރައީސްކަން ކުރާ މީހާ އެކަން ކުރަނީ އެއްވެސް އަރާމެއް ބޭނުންވެގެން ނޫން ކަމަށް. އަދި ރިޔާސީ އިންތިޙާބަށް ދެން އޮތީ ހައެއްކަ މަސް ކަމަށާއި މިދުވަސްތަކުގައި އެމަނިކުފާނަށް ރައްޔިތުންނަށް ޙިދުމަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ކުއްލި ހުކުމްތަކާއި ގުޅިގެން ދިމާވި ކަންތައްތަކާއި ގުޅިގެން ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނު ނިދިންވެސް މަހްރޫމްވެވަޑައިގެންނެވި ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ވަނީ ވޯޓު ފޮށިން ނިކުންނާނެ ނަތީޖާއަކަށް އިންތިޒާރު ކުރަން އިދިކޮޅު ފަރާތްތަކަށް ނުކެރެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސިޔާސީ ކަންކަމަށް ވަދެވަޑައިގަތީ ރައްޔިތުންނަށް އޮޅުވާލައްވާ، މަކަރު ހެއްދެވުމަށް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ކަންކަމަށް ނިކުންނެވީ އިޙްލާސްތެރި ހިތަކާއި އެކީގައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ