ރައިސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވިދާޅުވީ ރައީސް މަގާމުން ދުރު ކުރުމުގެ ބާރެއް ސުޕްރީމް ކޯޓަށް ނެތް ކަމަށާއި އެކަން ކުރުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ރައީސް މަގާމުން ދުރުކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ޝަރީއަތެއްކޮށް ކުށް ސާބިތުވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން. ރައްޔިތުންގެ މަޖިލީހަށް އެބަ އޮތް އިޖުރާއަތްތަކެއް ކަނޑައަޅާފަ. އެ އިޖުރާތްތައް ހުރީ ވަރަށް ބޮޑަށް ކޮމްޕްރޮމައިޒްކޮށްފައި" ސުއޫދު ވިދާޅުވިއެވެ.
ގާނުނުއަސާސީގެ 100 ވަނަ މާއްދާގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅައި ދެބައިގެ އަޣުލަބިއްޔަތުންނެވެ.
ރައީސް މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ހަމަ ނުވާ ކަމަށް ސުޕްރީމް ކޯޓަށް ނިންމިދާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސުޕްރީމް ކޯޓުން ކުރަން އުޅޭ ޙުކުމަށް ތަބާ ނުވުމަށް ފުލުހުންނާއި ސިފައިންނަށް ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް މިއަދު އަންގާފައިވާއިރު ސުއޫދު ވަނީ ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާވުމަކީ ހުރިހާ ފަރާތްތަކަށް ވެސް ލާޒިމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަނިލް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ފިޔަވަޅު އެޅުމަށްފަހު ސުއޫދު ވަނީ ގޮވާލާފާއެވެ.
ރައީސް މަގާމުން ދުރުކުރުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނެތް - ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ