ފަނޑިޔާރުން ކުރާ ކުށަކީ ޝަހުސީ ކަމެއް، ހުކުމް ގޯހެކޭ ނުބުނެވޭނެ: ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ
ފަނޑިޔާރަކު ކުށެއްކޮށްފި ނަމަ އެ ކުށަކީ އޭނާ އަމިއްލައަށް ޝަހުސީ ގޮތުން ކުރާ ކުށެއް ކަމަށާއި ކުށެއްގެ ސަބަބުން "ފަނޑިޔާރުން ކުރާ ހުކުމް ގޯހެކޭ ނުބުނެވޭނެ" ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެހެން ވިދާޅުވީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައި 12 މެމްބަރުންނާ ބެހޭ ގޮތުން ހިމަނާފައިވާ ބައި ބާތިލު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދެއްކެވި ވާހަކަފުޅުތަކަށް ސުވާލު ކުރައްވަމުންނެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަކީލާ މާޝާ ލުތުފީ ވިދާޅުވީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދެ ފަނޑިޔާރަކު ދެން ތިބި "ފަނޑިޔާރުންނަށް އޮޅުވާލައިގެން ނެރެފައިވާ އަމުރެއް ކަން" ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ އަމުރުގައި 12 މެމްބަރުންނާ ބެހޭ ގޮތުން ހިމަނާފައިވާ ބައި ބާތިލުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅައިފަ އެވެ. އެ ނުކުތާ ޝަރީއަތަށް ބަލައި ނުގަތުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމަވައިފަ އެވެ. އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގެ އެއްވަނަ ނަމްބަރާއި ތިންވަނަ ނަމްބަރު އަދި ހަތަރު ވަނަ ނަމްބަރު ބާތިލުކޮށްދިނުމަށް އެދި ގިނަ ސަބަބުތަކެއް ވެސް ދައުލަތުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް އަލުން ސުޕްރީމް ކޯޓަށް މުރާޖާ ނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް ދައުލަތުން ވާހަކަފުޅު ދައްކަވާފައިވާތީ އެކަމާ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދައުލަތާ ސުވާލު ކުރެއްވި އެވެ. ފަނޑިޔާރު އެއްސެވީ ސުޕްރީމް ކޯޓުން ނިންމާ މައްސަލައެއް އެއްވެސް ސަބަބަކާ ހުރެ ވެސް އަލުން ބެލޭނެ ކަމަށް ގަބޫލު ނުކުރަންތޯ އެވެ. ދައުލަތުން ވިދާޅުވީ ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށް ބުނެފައިވީ ނަމަވެސް ނިންމާ ނިންމުންތައް މުރާޖާ ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އަދި އެއްވެސް ގާނޫނެއްގައި ވެސް ބުނެފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ފަނޑިޔާރުން ތަކުރާރުކޮށް ދައުލަަތާ އެ ސުވާލު ކުރިމަތި ކުރެއްވި އެވެ. އޭގެ އިތުރުން ފްލޯ ކްރޮސިންގްއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ އަހަރު އަމުރު ނެރުނު ފަހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލަތަކެއް ތަހުގީގު ކުރެވި، ބަލަމުންދާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހިމަނާފައިވާ ބައި ބާތިލުކުރަން ޖެހޭ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެކެއް ފެބުރުއަރީގައި އަމުރު ނެރިފައި ވަނީ ދައުލަތުން އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވިދާޅުވި އެވެ. އަދި އެ ގާނޫނުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނުކުރެވުނީ ބިލެއް ފާސްކުރުމަށް އެކަށީގެންވާ މާހައުލެއް މަޖިލީހުގައި ނެތުމުން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެގޮތުން މަޖިލީހުގައި ކަންކަން ހިނގައި ދިޔަ ގޮތާއި މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ދިޔަކަން ވަކީލާ ފާހަގަކުރެއްވި އެވެ. އެކަމާ ގުޅުވައި ފަނޑިޔާރުން ވަނީ ދައުލަތާ ސުވާލުތަކެއް ކުރުމަތި ކުރުވާފަ އެވެ. އެ މުއްދަތުގެ ތެރޭގައި މަޖިލީހުން އެއްވެސް ބިލެއް ފާސްކޮށްފައި ނުވޭތޯ ސުވާލު ކުރެއްވި އެވެ. އަދި އެންޓި ޑިފެކްޝަން ބިލު އެ މުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހެޅިތޯ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވީ އެ މުއްދަތުގައި ބިލެއް ފާސްކުރިތޯ ނުވަތަ ނޫންކަން ޔަގީން ނުވާ ކަމަށެވެ. އަދި ފްލޯ ކްރޮސިންގްއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އެކެއް ފެބުރުއަރީގައި ބާތިލު ކުރި ފަހުން އެންޓި ޑިފެކްޝަން ބިލު ފާސްކޮށްފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އެމައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލާގައި އިތުރުކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ