ވޮލީގެ ހަރަކާތްތައް މިފަހަރު ފަށާނީ އިންޓަ ސްކޫލް ވޮލީބޯލް ފެސްޓިވަލުން

ވޮލީ ބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ ހަރަކާތްތައް މިފަހަރު ފަށާނީ އިންޓަ ސްކޫލް ވޮލިބޯލް ފެސްޓިވަލުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
ވީއޭއެމް އިން ބުނީ 2018 ވަނަ އަހަރަށް ކުރިމަތިލީ ވަރަށް ބޮޑު ޕްލޭނަކާއެކުގައި ކަމަށާއި، އަންނަ ފެބްރުއަރީ މަހު ފަށާ އިންޓަ ސްކޫލް ފެސްޓިވަލަކީ ކުޅުންތެރިން ޑިވޮލޮޕް ކުރުމަށް އިސްކަންދީގެން ބާއްވާ ފެސްޓިވަލެއް ކަމަށެވެ.
ވީއެއެމްގެ ކަލަންޑަރު ބުނާގޮތުން އިންޓަ ސްކޫލް ވޮލީބޯލް ފެސްޓިވަލަށްފަހު އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އިންޓަ ސްކޫލް މުބާރާތް ބާއްވާނީ މާޗު މަހުއެވެ.
އެއަށްފަހު އިންޓަރ އޮފީސް ކުންފުނި މުބާރާތްވެސް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސޯރޓް މުބާރާތްކަމަށްވާ އިންޓަ ރިސޯޓް ވޮލީ މުބާރާތް ތާވަލްކޮށްފައިވަނީ ޖުލައި މަހަށެވެ.
މީގެއިތުރުން މިދިޔަ އަހަރު ބާއްވަން މަސައްކަތްކުރި ޒޯން ލީގު އަތޮޅު މުބާރާތް ނޮވެމްބަރު މަހަށް ތާވަލުކޮށްފައިވާއިރު، ގައުމީ ލީގާއި، ގައުމީ މުބާރާތް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހަށެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުގެ ތެރޭގައި މާޗު މަހު ރާއްޖޭގައި ބާއްވާ 19 އަހަރުން ދަށުގެ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތް އަދި ވޮލީބޯޅަ ޓުއާތައްވެސް ހިމެނެއެވެ. ސެންޓްރަލް ޒޯން މުބާރާތުގެ ފިރިހެން ޑިވިޝަން އޭޕްރީލް މަހު ބަނގްލަދޭޝްގައި އޮންނައިރު، އަންހެން މުބާރާތް އޮންނާނެ ތާރީހް ކަނޑައެޅިފައި ނެތްނަމަވެސް އެމުބާރާތް އޮންނާނީ ނޭޕާލުގައެވެ.
މީގެއިތުރުން ކިރްގިސްތާންގައި އޮންނަ އިންވިޓޭޝަނަލް މުބާރާތެއްގައިވެސް ރާއްޖެ ވާދަކުރާއިރު، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިޔާގައި އޮންނަ އޭޝިޔަން ގޭމްސްގައިވެސް ވޮލީ ހިމެނެއެވެ.
ވީއޭއެމް އިން މިދިޔަ އަހަރު ކުރިއެރުންތައް ހޯދިކަން ފާހަގަކުރައްވަމުން އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފު (ލަތީބެ) ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ އެންމެ ގިނައިން ވޮލީގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވިގެންދިޔަ އަހަރު ކަމަށާއި، އޭގެ ތެރެއިން 11 ލޯކަލް މުބާރާތް ބޭއްވިގެންދިޔައިރު، ހޮސްޓްކުރި އިވެންޓްތަކާއެކު ބޭރު ނުވަ މުބާރާތެއްގައި ރާއްޖޭގެ އެކި ޓީމުތައް ބައިވެރިވެފައިވާކަމަށެވެ.
އެގޮތުން ލަތީބެ ވިދާޅުވީ، މިދިޔަ އަހަރަކީ ވޮލީގެ އާއިލާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވުނު އަހަރެއް ކަމަށާއި، ގައުމީ ޓީމުތަކަށް ތިން ތަމްރީން ދަތުރެއް ރާއްޖެއިން ބޭރުގައި ކުރިޔަށް ގެންދެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ