ދައުލަތުގެ ބަޖެޓަށް މަޖިލީހުގެ މެންބަރުން ވޯޓް ދިނަސް ނުދިނަސް ދިވެހި އެއްވެސް ރައްޔިތަކު ތަަރައްގީން މަހުރޫމް ނުކުރެވޭނެކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަބުދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ ބަޖެޓަށް ވޯޓު ނުދެއްވާ މެންބަރުންގެ ދާއިރާތަކުގައި މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ކަމާލުއްދީން ވިދާޅުވީ ދައުލަތުގެ ބަޖެޓަށް މަޖިލީހުގެ މެންބަރުން ވޯޓް ދިނަސް ނުދިނަސް ދިވެހި އެއްވެސް ރައްޔިތަކު ތަަރައްގީން މަހުރޫމް ނުކުރެވޭނެކަމަށެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވީ ދާއިރާތަކުގައި ސަރުކާރުން މަޝްރޫއުތައް ހިންގަންޖެހެނީ މެންބަރަށްޓަކައި ނޫންކަމަށެވެ.
އަދި ދައުލަތުގެ ބަޖެޓާއި، ސަރުކާރުން ކޮންމެހެން ފާސްކުރަން ބޭނުންވާ ބިލްތަކަށް ވޯޓް ހަމަކުރަންޖެހެނީ މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކައިގެން ނޫންކަމަށްވެސް އަބުދުﷲ ރިޔާޒު ވިދާޅުވިއެވެ. އަދި ކަންކަމުގައި އެންމެނާއި މަޝްވަރާކޮށް ކަންކަން ކުރާނަމަ ވޯޓްވެސް ލިބޭނެކަމަށާ ރައްޔިތުންގެ ރުހުންވެސް ލިބޭނެކަމަށް ރިޔާޒު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރުގެ ވާހަކަތަކާއި ގުޅިގެން ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ބަޖެޓަށް ވޯޓް ދިނީމަ ވެރިންކުރާކަމަކީ ވައްކަން ކުރަނީކަމަށާ ވޯޓް ނުދީފިނަމަ ދާއިރާތަކުގައި ޕްރޮޖެކްޓް ނުހިންގޭނެކަމަށް ވަޒީރު ވިދާޅުވަނީކަމަށެވެ.
ސައުދު ވަނީ ގާނޫން އަސާސީގައި އޮތް އެއްޗެއް ވަޒީރަށް ކިޔާލަ ދޭނެ މީހަކުވެސް ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި ރައްޔިތުން ސަރުކާރުގެ އަޅުންނަށް ހަދަނީވެސް ސައުދު ވަނީ ސުވާލު ކުރައްވާފައެވެ.
މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ގާނޫން އަސާސީގައި ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވޯޓްދޭންޖެހެނީ އެއްވެސް މަޖުބޫރުކަމެއްނެތި، މިނިވަންކަމާއިއެކުކަމަށެވެ.
އަދި މަޖިލީހަށް ސަރުކާރުން ހުށައަޅާފައިވަނީ ވަގު ބަޖެޓެއްކަމަށް ސިފަ ކުރައްވާ މެންބަރުން ބްލެކްމެއިލް ކޮށްގެން ވޯޓް ހޯދަން މަސައްކަތް ނުކުރުމަށް ރޮޒައިނާ ވަނީ ފިނޭންސް މިނިސްޓަރަށް ގޮވާލައްވާފައެވެ.
މީގެ އިތުރަށް ރޮޒައިނާ ވިދާޅުވީ ބަޖެޓަށް ވޯޓް ނުދެއްވާ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ އަތުން ޓެކްސްވެސް ނުނެންގެވުމަށް ފިނޭންސް މިނިސްޓަރަށް ގޮވާލައްވާކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު މޮޔަފުޅުވީތޯ ރޮޒައިނާ ވަނީ ސުވާލު ކުރައްވާފައެވެ.
މެންބަރުން ވޯޓް ދިނަސް ނުދިނަސް ރައްޔިތުން ތަަރައްގީން މަހުރޫމް ނުކުރެވޭނެ: އަބުދުﷲ ކަމާލުއްދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ