ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސިނާން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ.
ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެއް މިއަދު ބާއްވާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހެއް ކޯޓުގައި ތާވަލްކުރި އެވެ. ނަމަވެސް ފަހުންވަނީ ކެންސަލް ކޮށްފަ އެވެ. އެދުވަހު މުއްދަތު މަޖިލިސް ކެންސަލް ކުރިކަން ކޯޓުން ވަކީލުންނަށް އެންގި ނަމަވެސް، ކެންސަލްކުރި ވަކި ސަބަބެއް އަންގާފައެއް ނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ސިނާން ހައްޔަރުކުރީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން އޭނާ އަމިއްލަފުޅަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައި ގަތުމުންނެވެ.
އޭގެފަހުން، ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ސިނާން ހާޟިރުކުރީ މާޗްމަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހު ކްރިމިނަލް ކޯޓުގެ ގާޟީ ވަނީ ޝިނާންގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރަން ތާވަލްކުރީ ކުރިން ދީފައިވާ 15 ދުވަހުގެ މުއްދަތުވެސް ހަމަނުވަނީހެވެ.
ސިނާން ހައްޔަރުކޮށް ފުލުހުން ވަނީ ރިޝްވަތުގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފަ އެވެ. ނަމަވެސް ޝިނާންވަނީ އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕީޖީ އޮފީހުން މިހާރުވަނީ ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެސް އުފުލާފަ އެވެ.
ޝަރީއަތް ނިމެންދެން މެމްބަރު ސިނާން ބަންދުގައި ބަހައްޓަން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ