ތުހުމަތުތަކުގައި އަސާސެއް ނެތް، އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނާ ޚިލާފު ނުވާ ކަމަށް: ވަކީލުން

ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވައި، ވެރިކަން ބަދަލުކުރައްވަން އުޅުއްވި ކަމަށް ފުލުހުން ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި ގާނޫނާ ޚިލާފު އެފަދަ އަމަލެއް ނުކުރައްވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުން ބުނެފައި ވަނީ، ގާނޫނީ ވެރިކަން ވައްޓާލުމަށް ރާއްޖޭގެ ކުންފުންޏަކުން އުއްތަމަ ފަނޑިޔާރަށް 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ. އެ ފައިސާ ބޭނުން ކުރައްވައިގެން އުއްތަމަ ފަނޑިޔާރު ރާއްޖެ އާއި ބޭރުގެ ގައުމުތަކުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރެ އެވެ.
އުއްތަމަ ފަނޑިޔާރުގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސައިން އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ވަނީ ޖަވާބު ދެއްވައިފަ އެވެ.
ހިސާން ވިދާޅުވީ ފުލުހުންގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ. ބޮޑެތި ތުހުމަތުތަކެއް އަޅުވައި ފުލުހުން ބޭނުންވާ ވާހަކަތަކެއް އާއްމުކުރަމުން ދިޔަ ނަމަވެސް ހައްޔަރުކުރި ފަހުން، އެ ތުހުމަތުތަކާ ގުޅިގެން ތަހުގީގަށް އުއްތަމަ ފަނޑިޔާރާ މިހާތަނަށް ސުވާލުކޮށްފައި ނުވާ ކަމަށް ހިސާން ވިދާޅުވި އެވެ.
"ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު އިންކާރުކުރައްވާ. ގާނޫނާ ޚިލާފު އެފަދަ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް އެމަނިކުފާނު އެބަ ވިދާޅުވޭ،" ހިސާން ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ކުރާ ތުހުމަތު:
1- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުން.
2- ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރެއްވުން.
3- ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުން.
އުއްތަމަ ފަނޑިޔާރުގެ ދެ ވަކީލުން ކަމަށްވާ މާރިޔާ އާއި ހިސާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކުރި ފަހުން ތަހުގީގު ހިންގަން ފުލުހުން އުއްތަމަ ފަނޑިޔާރާ ބައްދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. ގާނޫނުލްއުގޫބާތުގެ 10 މާއްދާއާ ހަވާލާދީ އެ ބައްދަލުވުމުގައި ތިން ތުހުމަތެއް ފުލުހުން އިއްވި ކަމަށް ހިސާން ވިދާޅުވި އެވެ.
"އެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން ފުލުހުން ވިދާޅުވީ ތިމަންނާމެން މި ކުރާ ތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތް ކަމަކަށް އެއްވެސް ތަނަކުން ކަނޑައަޅާފައެއް ނެތެއް ނޫންހޭ؟ އެހެންވީމާ އުއްތަމަ ފަނޑިޔާރަށް އެ ގޮތަށް [އަސާސެއް ނެތް ކަމަށް] ވިދާާޅެއް ނުވެވޭނެއޭ،" ތުހުމަތު އިއްވިއިރު ވަކީލެއްގެ ގޮތުން ވަޑައިގަތް ހިސާން ވިދާޅުވި އެވެ.
"ތުހުމަތުތަކަށް އިންކާރުކުރުމަކީ މީހަކަށް ލިބިދޭ ވަރަށް އަސާސީ ހައްގެއް. އެ ހައްގު އެގޮތަށް ބޭނުން ނުކުރެވޭނެ ކަން އެންގުމުން އިތުރަށް އެއަކަށް އުއްތަމަ ފަނޑިޔާރު ޖަވާބެއް ނުދެއްވާ."
2.4 million dollar ge manfaa eh uhthama fandiyaarah libunu: fuluhun
Mihaaru
ހިސާން ވިދާޅުވި ގޮތުގައި ވަރަށް ގިނަ ހެކިތަކެއް ލިބިގެން މީޑިއާތަކުގައި ފުލުހުން އެ ވާހަކަ ދެއްކި ނަމަވެސް އެ ތުހުމަތުތަކުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވުމުގެ ހައްގެއް އުއްތަމަ ފަނޑިޔާރަށް މިހާތަނަށް ދީފައެއް ނުވެ އެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގައި ތުހުމަތުކޮށްފައިވާ ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން ބުނަނީ، އެ މުއައްސަސާ އިން ކުރާހާ ތުހުމަތަކަށް އެއްބަސްވެވަޑައިނުގަންނަވާތީތޯ ހިސާން ސުވާލު އުފެއްދެވި އެވެ. ނުވަތަ ތުހުމަތުތަކާ ގުޅޭގޮތުން ފުލުހުން ދޭ ބަޔާނެއްގައި ހުރީ ތެދު ކަމަށް އެއްބަސްވެ ސޮއި ނުކުރައްވާތީތޯ ވެސް ހިސާން ސުވާލު އުފެއްދެވި އެވެ.
އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައި ހުރި ނަމަވެސް އެމަނިކުފާނަކީ ދައުލަތުގެ އެއް ބާރުގެ ވެރިޔާ ނޫން ކަން އެއްވެސް މުއައްސަސާއަކުން ކަނޑައަޅާފައި ނުވާކަން މާރިޔާ ފާހަގަކުރެއްވި އެވެ. އެކަމަކު އުއްތަމަ ފަނޑިޔާރާ ދޭތެރޭގައި އަމަލުކުރަނީ އިންސާނަކާ ދޭތެރޭގައި އަމަލުކުރަން ހެޔޮނުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާ މެދު ތަފާތުކޮށް އަމަލުކުރަމުންދާ ކަމުގެ ހެއްކެއްގެ ގޮތުން މާރިޔާ ވިދާޅުވީ، ވަކީލެއްގެ ހައިސިއްޔަތުން އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އޭނާ އަށް މިހާތަނަށް ދީފައި ނުވާ ކަމަށެވެ. އެކަމަކު ބަންދުގައި ތިބި އޭނާގެ އެހެން މުވައްކިލުންނާ ބައްދަލުކުރައްވަން ފުރުސަތު ދިނުމުން، އެއީ ވެސް ކަނޑައެޅިގެން އުއްތަމަ ފަނޑިޔާރާ މެދު އަމަލުކުރާ ގޮތެއް ކަން ސާފުވި ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ހައްޔަރުކޮށްގެން އުޅެނީ ސ. މީދޫ އަލިވާގޭ އަބްދުﷲ ސައީދެއް ނޫން. ހައްޔަރުކޮށްގެން އުޅެނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު. މިއީ ދިވެހި ފުލުހުންނާއި ސިފައިން އެހެން ހުރިހާ ބޭފުޅުން ވެސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާ ނުލައި ސުޕްރީމް ކޯޓުން ނެރޭ އަމުރުތަކަށް ރިއާޔަތްކުރައްވައި މާރިޔާ ވިދާޅުވީ ސުޕްރީމް ކޯޓަކަށް ވަނީ އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތުން ކަން ގާނޫނުއަސާސީގައި ސާފުކޮށް އޮތީ ބަޔާންކޮށްފަ އެވެ. ގާނޫނުއަސާސީގައި އެހެން ލިޔެފައި އޮއްވައި، އެއާޚިލާފަށް އެ ކޯޓުން އަމުރުތަކެއް ނުނެރެވޭނެ ކަމަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ ގާނޫނުއަސާސީން ސިފައިންނާ މަތިކޮށްފައިވާ ގާނޫނީ ޒިންމާއަކަށްވާތީ، އެމަނިކުފާނު ބަންދުކޮށްފައި ހުއްޓަސް އެ ގާނޫނީ ވާޖިބު އަދާކުރަން ޖެހޭ ކަމަށެވެ. ގާނޫނާ ޚިލާފަށް އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްފައިވާތީވެ، އެމަނިކުފާނު މިނިވަންކުރަން ހެބިއަސްކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަަމަށް ވެސް ހިސާން ވިދާޅުވި އެވެ.
ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވައި ނެރުއްވި އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓު ތެރޭގައި ހުންނަވަނިކޮށް، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ސިފައިންނާއި ފުލުހުން އެ ރޭ ސުޕްރީމް ކޯޓު ތެރެއަށް ވަދެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުން ވަނީ މި މަހު 1 ގައި ނެރުނު އަމުރު ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ