ގާސިމް ކުރައްވަމުން އެގެންދަަވަނީ ވަރުގަދަ ޖިހާދެއް: އިބޫ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިފަހަރު ކޯލިޝަނުން ކާމިޔާބު ކުރުގައި ގާސިމް އިބްރާހީމް އަދި ޖުމްހޫރީ ޕާޓީގެ ދައުރުވެސް ވަރަށް މުހިންމު ކަމަށާއި އެދުވަހުވެސް މިއަދުވެސް އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ވަރުގަދަ ޖިހާދެއް ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން, ފާއިތުވެދިޔަ އިންތިހާބުތަކުގައި ޖުމްހޫރީ ޕާޓީ އަދާކޮށްފައިވާ ދައުރަ އިޝާރާތްކުރައްވައި އިބޫ ވިދާޅުވީ މިފަހަރު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުގައިވެސް ގާސިމް އަދި ޖުމްހޫރީ ޕާޓީގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.
"އަޅުގަނޑު މިހެން މިދެންނެވީ ނިމިގެން ދިޔަ ހުރިހާ އިންތިހާބެއްގައިވެސް ޖުމްހޫރީ ޕާޓީ އަދާކޮށްފައިވާ ދައުރުގެ މައްޗަށް ބިނާކޮށްފައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީ ކުރިއަރުވަން ގާސިމް ގިނަ މަސައްކަތްތަކެއް ކުރައްވާފައިކަމަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތުން އިންޓާނަލް ޑިމޮކްރެސީ އެންމެ ރަނގަޅު އެއް ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށެވެ.
އެގޮތުން ޖުމްހޫރީ ޕާޓީން އެންމެ ފަހުން ބޭއްވި ކޮންގްރެސް އިން އެޕާޓީގެ އިންޓާނަލް ޑިމޮކްރެސީގެ ވަރުގަދަކަން ހާމަވެގެން ގޮސްފައިވާކަން އިބޫ ފާހަގަކުރެއްވިއެވެ.
ގާސިމް އިބްރާހީމަށް ތައުރީފު ކުރައްވަމުން އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ފެހި ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި ގާސިމް ކުރެއްވި މަސައްކަތް ރާއްޖޭގެ ރައްޔިތުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އެދުވަހު މަޖިލީހުގެ ރިޔާސަތުގައި ނު އިންނެވި ނަމަ މިހާރު މިއޮތް ގާނޫނު އަސާސީ ވުޖޫދަށް ގެނެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެދުވަހު ނެތްކަމަށެވެ.
"ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރިޔާސަތާ އެދުވަހު އެމަނިކުފާނު [ގާސިމް] ހަވާލުވެވަޑައި ނުގެންނެވި ނަމަ އަޅުގަނޑުމެން އަތުގައި މިއޮށް ގާނޫނު އަސާސީ ވުޖޫދަށް އަންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އަޅުގަނޑަށް އެދުވަހަކު ނެތް،" އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ