(ނ.މަގޫދޫ) އާބާދީގައި 415 މީހުން ދިރިއުޅޭ ނ.މަގޫދޫ އަކީ ހިތްފަސޭހަ ރަށެކެވެ. މީގެ 40 ވަރަކަށް އަހަރު ކުރިން މަގޫދޫ މީހުން ވެލިދޫ އަށް ބަދަލުކުރުމަށްފަހު އަލުން މަގޫދޫގައި މީހުން އާބާދުވުމަށް ފަހު ވެސް ނަމާދުކުރަމުން އަންނަނީ ޒަމާނުއްސުރެ މިރަށުގައި ހުރި އެންމެ މިސްކިތެއްގައެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު މަގޫދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި، ރަށުގެ މިސްކިތުގެ ޤިބްލަ ހުރީ ނުބައިކޮށްކަމަށް ހީފުޅުވެލައްވާލަމަށް ވިދާޅުވިއެވެ. ބެލިބެލުމުން އެމަނިކުފާނަށް އެހީފުޅުވެލެއްވީ ރަނގަޅަށްކަމަށް އެނގުމުން ވަގުތުން ވަނީ މިސްކިތުގެ ޤިބްލަ ބަދަލުކޮށް ނަމާދުކުރަން ފަށައިފައެވެ.
މި މިސްކިތަކީ ރަށުގެ އާބާދީ އަށް ބަލާއިރު ކުޑަ މިސްކިތެކެވެ. އެންމެ އިހުޒަމާނުގައި އެރަށުގައި ހުރި މިސްކިތުގެ ތަރާގަނޑުގައި އަޅާފައިވާ މި މިސްކިތަށްވެސް ތިރީސް އަހަރަށް ވުރެ ގިިނަ ދުވަސް ވެފައިވާއިރު، ރަށުގެ ރައްޔިތުން ތިބީ އާ މިސްކިތެއް އަޅާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
މަގޫދޫ ކައުންސިލްގެ ރައީސް އަގީލް ހުސެއިން ވިދާޅުވީ ސައުދީ ސަރުކާރުގެ ޚަރަދުގައި ރާއްޖޭގައި އަޅާ މިސްކިތްތަކުގެ ތެރެއިން މިސްކިތެއް މިރަށުގައި އަޅަން ދެފަހަރެއްގެ މަތިން މީގެ ކުރިން ނިންމި ނަމަވެސް އެންމެ ފަހު ވަގުތު އެނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭނގޭ ކީއްވެ ކަމެއް އެބަދަލު ގެންނެވީކީ. އަޅުގަނޑުމެން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ވާނީ ހަމަޖައްސާފައި." އަގީލް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށްވެސް ފެނިލައްވާނެ މިރަށުގެ މިސްކިތުގެ ހާލަތު ހުރި ގޮތް. އެއްވެސް ސަރުކާރަކަށްނުވެ އޮތްކަމެއް އެއީ މިރަށުގަ ރަނގަޅު މިސްކިތެއް ބިނާކުރުން. އެކަން އެބޭފުޅުންގެ (ސަރުކާރުގެ) ސަމާލުކަމަށް ގެންނަވާ ދެއްވާ" މަގޫދޫ އަތިރިމަތީ ހުރި ހޮޅުއައްޓެއްގައި އިން މެދުއުމުރުގެ ފިރިހެނަކު ބުންޏެވެ.
ރަނގަޅު ފެންވަރެއްގެ ރީތި މިސްކިތެއް ރަށުގައި ހުރުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށް މަގޫދޫ ރައްޔިތުން ބުނެއެވެ. މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވާއިރު، އާމިސްކިތެއް ލިބުމުން އެކަމަށްވެސް ހައްލެއް ލިބިގެންދާނެކަމަށް އެފަރާތްތަކުން ބުނެއެވެ.
ވަގުތުގެ ފަރާތުން ނ.އަތޮޅަށް ކުރަމުންދާ "ހޭރިޔާ" ދަތުރުގެ މެއިން ސްޕޮންސަރ އަކީ ކޮޕިއަރ ޕްލަސްއެވެ. ކޯ ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ޓެލެކޮމްޕާޓްނަރ އަކީ އުރީދޫއެވެ.
މިރަށުގައި މިސްކިތެއް އެޅުމަކީ އެއްވެސް ސަރުކާރަކަށް ނުވެ އޮތްކަމެއް – މަގޫދޫ ރައްޔިތުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ