ސިފައިންގެ އާއިލީ ހަވީރު ޖުމްހޫރީ މައިދާނުގައި ފަށައިފި

ސިފައިންގެ 124 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ސިފައިންގެ އާއިލީ ހަވީރު މިއަދު ޖުމްހޫރީ މައިދާނުގައި ފަށައިފިއެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާއިލީ ހަވީރު ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމިންގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހިމް އެވެ.
ސިފައިންގެ އާއިލާތަކަށާއި އާންމުންނަށް ހުޅުވާލައިގެން ކުދިޔަށް ގެންދާ މި ހަވީރުގައި ތަފާތު އެކި ހަރަކާތްތައް ކުރިޔަށްގެންދަން ނިންމާފައިވާއިރު ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއަށް ޒިޔާރަތްކުރުމާއި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްގައި ފޮޓޯނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހަމަ އެހެންމެ ކުޑަކުދިންނަށް ހާއްސަ ސްޓޯލްތަކާއި ކުޅިވަރުތަކުގެ އިތުރުން ސްޓޭޖް ހަރަކާތްތައްވެސް ކުރިޔަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މިއަދުގެ ރަސްމިއްޔާތުގައި "ހަބޭސް" ބޮޑުބެރު ގްރޫޕުން ބައިވެރިވެފައިވާއިރު، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރުގެ އުދުހުމުގެ ހަރަކާތްތައްވެސް ވަނީ ދައްކާލާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޞިލް އާދަމް ޝަރީފް އުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގެންފައި ވެއެވެ.
މި އާއިލީ ހަވީރު މާދަމާ ހަވީރު ވެސް 16:00 އިން 18:00 އަށް ޖުމްހޫރީ މައިދާނުގައި ކުރިޔަށް ދާނެއެވެ. މާދަމާއަކީ މި އާއިލީ ހަވީރުގެ ފަހުދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ