ރަސްގެތީމު ސިއްހީ މަރުކަޒުން ދޭ ހިދުމަތްތަކާއި މެދު ރައްޔިތުން ހިތްހަމައެއްނުޖެހޭ

(ރ. ރަސްގެތީމް) ރަސްގެތީމަކީ 400 އާއި 550 އާއި ދެމެދުގެ އަދަދަކަށް މީހުން ދިރިއުޅެމުންދާ ރަށެކެވެ. މިރަށަކީ ގިނަ އަދަދެއްގެ ތެލެސީމިޔާ ކުދިން ދިރިއުޅޭ ރަށަކަށްވުމުން މިރަށުގެ ސިއްހީ މަރުކަޒުން ލެބޯޓްރީގެ ހިދުމަތް ލިބުންމީ މިރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތް ހަމަޖެހުމެކެވެ.
އަށް ގަޑިއިރުގެ ހިދުމަތް ދެމުން އަންނަ މި ސިއްހީ މަރުކަޒަށް ބަލާލާއިރު، އެއް ޑޮކްޓަރަކާއި، ދެ ނަރުހުން މި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން އެއް ނަރުހަކީ ދިވެހި ނަރުހެއްކަން ފާހަގަކޮށްލެވެއެވެ. މި ސިއްހީ މަރުކަޒުގައި ލެބް ޓެޗްނިޝަނެއްވެސް ހުރެއެވެ.
އާންމުކޮށް ގިނަ ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން މިސިއްހީ މަރުކަޒަށް ވެސް ވަނީ ތަނުގެ ޖާގައިގެ ދަތި ކަން ކުރިމަތިވެފައެވެ. މިއީ ހައްލެއް ގެނައުމަށް ބޭނުންވާ އަދި ރައްޔިތުން އެކަމަށް އެދެމުންދާ އެއް މައްސަލައެވެ.
މިރަށު ކައުންސިލް މެމްބަރ އިލްޔާސް ވިދާޅުވީ މިރަށުގެ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން މިހާރުވެސް މިނިސްޓްރީގައި ދެންނެވިފައި ވާނޭކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި އެ މައްސަލައަށް ހައްލެއް ގެނައުމަށް ރަސްމީކޮށް މިނިސްޓްރީގައި ދަންނަވާނެކަމަށެވެ.
"މިނިސްޓްރީގެ ވަފްދާއި ބައްދަލުވިއިރު، އެތަނުގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ވާނީ ދައްކާފަ" އިލްޔާސް ވިދާޅުވިއެވެ.
މިރަށުގެ ސިއްހީ މަރުކަޒަ ވޯޑްގެ ދަތިކަންވެސް އިންތިހާއަށް ކުރިމަތިވެފައިވާ ފާހަގަކޮށްލެވެއެވެ. މި ސިއްހީ މަރުކަޒުގެ ވޯޑްގައި މި އިންނަނީ ދެ އެދެވެ. މި ސިއްހީ މަރުކަޒުގެ ވޯޑުގެ އެދުތައް އެންމެ މަދުވެގެންވެސް ހައެއް ނޫނީ އަށް އެދު އިންނަން ޖެހޭނެކަމަށް ގަބޫލުކުރެވޭކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ކިރިޔާ ރޯގާގެ މައްސަލައެއް ރަށު ތެރޭގަ ފެތުރުނަސް ތަން ފުލްވާގޮތް ދިމާވޭ" އިލްޔާސް ވިދާޅުވިއެވެ.
މި ސިއްހީ މަރުކަޒަކީ ސިއްހީ މަރުކަޒަކާއި އަޅާބަލާއިރު ގިނަ ޓެސްޓްތައް ހެދޭ ސިއްހީ މަރުކަޒެކެވެ. އާންމުކޮށް މި ހެދޭ ޓެސްޓްތައް ހެދޭކަމަށް އިލްޔާސް ވިދާޅުވިއެވެ.
"ތެލެސީމިޔާ ކުދިން ގިނަވާނެ މިރަށުގަ. އެހެންވީމަ އެ ލެބޯޓްރީ އިންނާނީ އެ ކުދިންނަށް ރެޑީކޮށްފަ. އެ ކުދިންނަށް ބޭނުންވާ ޓެސްޓްތައް އެ ލެބޯޓްރީ މެދުވެރިކޮށް ހެދޭނެ" އިލްޔާސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގައި ލޭބާރ ރޫމެއް ހުރެއެވެ. އެހެންނަމަވެސް އެ ލޭބާ ރޫމް އަދި ބޭނުން ނުކުރެވެއެވެ. އަންހެނުން ވިއްސަން ގެންދަން ޖެހެނީ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށެވެ. އެތަނަށް ގެންދިޔުމުގައިވެސް ދަތިތަކެއް ހުރިކަން ފާހަގަވެއެވެ. އޭގެ ތެރޭގައި ބޭނުންވާ އިރަކު ސީ އެމްބިއުލާންސް ނުލިބުން ހިމެނެއެވެ.
އިލްޔާސް ވިދާޅުވީ މި ސިއްހީ މަރުކަޒުގައި އަންހެނުން ވިހޭނެ ނިޒާމް ގާއިމްކުރަން ބޭނުންވާކަމަށެވެ. ސަބަބަކީ ކޮންމެ ފަހަރު ފުރައިގެން އެހެން ރަށްރަށަށް ދިޔުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީއެވެ. މި ސިއްހީ މަރުކަޒަށް އަންހެނުންނަށް ހާއްސަ ޑޮކްޓަރަކާއި، އަދި އަންހެނުން ވިއްސޭނެ ނިޒާމް އޮތުން މުހިންމުކަމަށް ރަށުގެ ރައްޔިތުންވެސް ފާހަގަކުރެއެވެ.
މިރަށު ސިއްހީ މަރުކަޒުން އެމްބިއުލާންސްގެ ހިދުމަތް ލިބޭތާ ވަރަށް ދުވަސްވެދާނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި ހަމައެހެންމެ އެސްޓީއޯ ބޭސް ފިހާރައިން އާންމުކޮށް ލިބެން ހުންނަ ބޭސްތައް ލިބޭކަންވެސް ފާހަގަކޮށްލެވެއެވެ.
މިރަށުގެ ބައެއް ރައްޔިތުންނަށް ސިއްހީ މަރުކަޒުން ލިބޭ ހިދުމަތާއި މެދު ހިތްހަމައެއް ނުޖެހެއެވެ. އެމީހުން ބުނާގޮތުން ނަމަ ކިރިޔާ ބައްޔެއް ވާއިރަށް ދާން ޖެހެނީ އަތޮޅު ހޮސްޕިޓަލަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާކަމަށް ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި ހަމަ އެގޮތުން ތަނުގެ ޖާގައިގެ ދަތިކަމުގެ ވާހަކަދައްކާ މީހުންވެސް މަދެއް ނޫނެވެ. މިރަށުގެ ރައްޔިތުންގެ އުއްމީދަކީ ވަރަށް އަވަސް މުސްތަގުބަލެއްގައި މިރަށު ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް އައިސް ފެންވަރު ރަނގަޅު ހިދުމަތެއް ލިބިގެން ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ