ނަބީލްގެ މަރުގެ ހުކުމްވެސް ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ސ. ހުޅުދޫ ލިލީމާގޭ އަބުދުﷲ ފަރުހާދު މަރާލުމުގެ ކުށް ސާބިތުވެފައިވާ ގ. ރީފް މުހައްމަދު ނަބީލުގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
މަޖީދީމަގުގައި ހިންގި މާރާމާރީއެއްގައި ސ.ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދަށް ހަމަލާދީ އޭނާ މަރައިލި މައްސަލާގައި ގ. ރީފް މުހައްމަދު ނަބީލް މަރަން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓާފައިވާއިރު، މީގެ ކުރިން ހައިކޯޓުންވެސް ވަނީ ނަބީލް މެރުމަށް ދަށުކޯޓުން ކުރި ހުކުމަށް ތާޢީދުކޮށްފައެވެ.
ފަރުހާދު މަރާލިކަމުގެ ކުށް ސާބިތުވެ، ނަބީލް މެރުމަށް އޭރުގެ ޖިނާއީ ކޯޓުން ޙުކުމް ކޮށްފައި ވަނީ 2010 ވަނަ އަހަރުގައެވެ. ދަށުކޯޓްގެ ނިންމެވުމަށް ހައިކޯޓުން ތާއީދުކޮށް ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަދުވަހުގައެވެ. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ލިބުނު މުއްދަތު ހަމަވި އިރު ވެސް ނަބީލްގެ ފަރާތުން އިސްތިއުނާފް ނުކުރުމުން އެހުކުމުގެ ސައްހަކަމާ މެދު ގޮތެއް ނިންމައިދޭން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ދައުލަތުގެ ފަރާތުންނެވެ.
ސުޕްރީމް ކޯޓުން ނަބީލްގެ މަރުގެ ހުކުމް މިއަދު ދަމަހައްޓާފައިވާއިރު، ޑރ. އަފްރާޝީމް މަރާލުމުގެ ކުށުގައި ހުސައިން ހުމާމް މެރުށާއި ޤާނޫނީ ވަކީލު އަލީ ނަޖީބު މަރާލުމުގެ ކުށުގައި މުއްރަތު މެރުމަށް ކޮށްފައިވާ ދެހުކުމް ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ދަމަހައްޓާފައެވެ.
އެހެންކަމުން، މަރުގެ ހުކުން ތަންފީޒުކުރަން ޖެހޭ މީހުންގެ ލިސްޓުގައި މިވަގުތަށް ޖުމްލަ ތިން ދިވެއްސަކު އެބަތިއްބެވެ. އެހެންނަމަވެސް، ބޭރުގެ ބައެއް ފަރާތްތަކުންނާއި، ސަރުކާރާ އިދިކޮޅު އެތެރޭގެ ފަރާތްތަކުންވެސް ދަނީ މަރުގެ ހުކުމް ތަންފީޒުކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ