އަބްދުﷲ ގާޒީއާ ރައީސް ޔާމިން ބައްދަލުކުރެއްވި ސަބަބު ސާފުކޮށްދޭން ޖެހޭނެ: ރޮޒައިނާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ސިއްރިޔާތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބައްދަލުކުރެއްވި ސަބަބު ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އަބްދުﷲ ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައި ރޮޒައިނާ ވިދާޅުވީ ރައީސް ޔާމިން ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ކޯޓެއްގެ ގާޒީއަކު ގެންދަވައިގެން ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ "ބޮނދަބޮނދައިގެން" ކޯޓެއްގެ ގާޒީއަކު އެ ގެކޮޅަށް ވެއްދުމުން ރާއްޖޭގެ ޝަރުއީ ނިޒާމު މިނިވަންވެފައި އޮތް ވަރު އެނގިގެންދާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރޭވެސް ފެނިގެން މި ދިޔައީ މަނިކުފާނު އެއްކަލަ އަތް ނުބާނަން ބުނާ ފަނޑިޔާރު ގޭތެރެ އަށް އަތް ބާނައިގެން ހާވަން އޮއްވައި. ކޮން ކަމެއްތޯ އަބްދުﷲ ގާޒީ ކުރަން އޮންނާނީ ދަންވަރު ދަޅައިގައި ޔާމީނުގެ ގޭގައި،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކޯޓެއްގެ ފަނޑިޔާރަކާ ބައްދަލުކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރަންވާނީ ރަސްމީ ގަޑީގައި އެހެން މީހުންނަށްވެސް އެނގިގެން އަދި ބައްދަލުކުރައްވާ ސަބަބު ވެސް ބުނެދިނުމަށްފަހުގައި ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމިންގެ އަމިއްލަ ގެކޮޅު، ގ. ދޫވެހީގައި އަބްދުﷲ ގާޒީއާއި އެކު ރައީސް ބައްދަލުވުމެއް ބޭއްވިތޯ ސުވާލު ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވީ ސީދާ އެ ސުވާލަށް ޖަވާބު ދެވެން ނެތް ކަމަށެވެ.
އެކަމަކު މުއާޒު ވިދާޅުވީ ދައުލަތުގެ ތަފާތު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައީސް އަބަދުވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އޭގެ ތެރެއިން މީޑިއާ އަށް ހާމަކުރުމަށް ރައީސް އެދިވަޑައިގަންނަވާ ބައްދަލުވުންތައް މީޑިއާ އަށް ހާމަކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެން ކަމުން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވިތޯ ތި ކުރައްވާ ސުވާލަށް އަޅުގަނޑުގެ އެއްވެސް ކޮމެންޓެއް ނެތް،" މުއާޒު ވިދާޅުވި އެވެ.
ބައެއް މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި އަބްދުﷲ ގާޒީ ރޭ 8:30 ހާއިރު ރައީސްގެ ގެކޮޅަށް ވަޑައިގެންނެވި ގޮތަށް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތީ ރޭ 11:30 ހާއިރު ސެކިއުރިޓީ ބޭފުޅުންނާއި އެކު އެވެ.
ރައީސްގެ ގެކޮޅުން އަބްދުﷲ ގާޒީ ނިކުމެވަޑައިގެންނެވި މަންޒަރު ފެނުނު ކަމަށް އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ބުނެ އެވެ. އަދި އެވަގުތު ރައީސްގެ ގެކޮޅު ކައިރީ ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ގުރޫޕަކުން އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށްވެސް ނޫސްވެރިން ބުނެ އެވެ.
ރައީސްއާ އަބްދުﷲ ގާޒީ ބައްދަލުކުރައްވާފައި މިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސްގެ ދެ ކަނބަލުން ދަތުރުކުރައްވަމުން ގެންދެވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ކްރިމިނަލް ކޯޓުން އަމުރުކޮށްގެން ސިފައިންގެ ދެ މީހަކު ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖަހާފައިވަނިކޮށެވެ. އަދި މި ތަހުގީގާ ގުޅިގެން ސަރުކާރުގެ ބައެއް އިސްވެެރިން ދިރިއުޅުއްވާ ގެތަކަށް ވަނުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް ކޯޓް އަމުރުވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ