އިންތިޙާބަކީ ސިޔާސީ ކަމެއް ނޫން – މައުމޫން

އިންތިޙާބަކީ ސިޔާސީ ކަމެއް ނޫންކަމަށާއި އިންތިޙާބަކީ ގައުމީ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އާއި އެމްޑީއޭ އިން ކޯލިޝަން ހެދިފަހުން ބޭއްވި ފުރަތަމަ ބޮޑު ޖަލްސާގައި އާޓިފިޝަލް ބީޗުގައި ރޭ އެތައް ހާސްބަޔަކާއި މުހާތަބު ކުރައްވާ މައުމޫން ވިދާޅުވީ އިންތިޙާބަކީ އިމްތިހާނެއް ކަމަށާއި މިއިމްތިހާނުން ޕީޕީއެމް ފެއިލްވެއްޖެނަމަ މުޅި ގައުމު ވެސް ފެއިލްވީ ކަމަށެވެ.
"އަޅުގަނޑުމެންގެ އިހުމާލުން ނުވަތަ ފަރުވާކުޑަކަމުން އިމްތިހާނުން ފޭލްވެއްޖިއްޔާ އަޅުގަނޑުމެންނާ އެކީ ގައުމު ވެސް ދާނީ ފޭލްވަމުން،" މައުމޫން ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ އޮންނާނެ ގޮތް ނިމިގެންދާނީ ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ވޯޓުދޭނެ ގޮތަކުން ކަމަށް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމް އާއި ކޯލިޝަން ހެދި އެމްޑީއޭގެ ލީޑަރު އަދި ކުރިން ޑީއާރުޕީގެ ނައިބު ލީޑަރުކަން ކުރައްވާފައިވާ އަހްމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) އަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްވަމުން މައުމޫން ވިދާޅުވީ ޝިޔާމް އަކީ އިގުތިޞާދީ މާހިރެއް ކަމަށެވެ. އަދި އެމްޑީއޭ ޕީޕީއެމްއާއި ގުޅުމަކީ ރިޔާސީ އިންތިޙާބު ކާމިޔާބުކުރަން ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓާއި ރަނިންގް މޭޓް އާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމުން އިންތިހާބު ކާމިޔާބުކުރަން ޖެހެނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލް އަހުމަދަށް މުއްސަނދިކަން ހޯދައިދޭން ނޫން ކަމަށާއި އެ ދެ ބޭފުޅުން އިންތިހާބުކުރަނީ ރާއްޖެ އަށް ކުރިއެރުން ހޯދައިދޭން ކަމަށެވެ.
ރާއްޖެ އަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމާއި ގައުމު މިހާރު އޮތް ހިސާބުން ފަހަތަށް ގެންދިއުން ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި ރާއްޖެ އޮންނާނީ ބޭރު ދުނިޔޭގެ ގަދަރު ލިބިގެންވާ ގައުމެއްގެ ގޮތުގައިތޯ އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފުދުންތެރި ގައުމެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ މި އިންތިހާބުގައި ކަނޑައަޅަން ޖެހޭ ކަމަށް ވެސް ކުރީގެ ރައީސް މައުމޫން ވިދާޅުވިއެވެ.
އިންތިޙާބު ކާމިޔާބު ކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި އިންތިހާބުގެ ކުރިން މިއޮތް ކުރު މުއްދަތުގައި ޕާޓީގެ މެންބަރުން އެމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ