އެއަރޕޯޓް އަނބުރާ ހޯދުމަށް ކުރެވޭ މަސައްކަތަށް ހުރަސްއެޅޭ އެއްވެސްކަމެއް ނުކުރުމަށް އަދާލަތުން ގޮވާލައިފި

މިދަނޑިވަޅުގައި ކުއްލިގޮތަކަށް އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އެންމެ އިސް ވަފުދެއް ރާއްޖެ އައުމަށް ނިންމުމަކީ އިއްތިފާޤެއް ނޫން ކަމަށާއި، އެހެންކަމުން ސަރުކާރުގައި ހިމެނޭ ޕާޓީތަކުން ޖީއެމްއާރުއަތުން އެއަރޕޯޓް އަނބުރާ ހޯދުމަށް ފަށާފައިވާ މަސައްކަތަށް ހުރަސްއެޅޭފަދަ އެއްވެސް މުޢާމަލާތެއް، ޖީއެމްއާރްގެ މިވަފުދު ބޭފުޅުންނާއެކު ނުކުރެއްވުމަށް އަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލައި އެތަން އަނބުރާ ހޯދުމަށް ގުޅިފައިވާ ޕާޓީތަކުން ވަރުގަދަ ގައުމީ ޖިހާދެއް ފަށާފައިވާ ކަމަށާއި، މިކަމުގައި ޙިކްމަތްތެރިކަން އިސްކުރުމަށް އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ގޮވާލާ ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ، ދައުލަތުގެ މަސްލަހަތުތަކާ އިދިކޮޅަށް ކެނެރީގޭ ނަޝީދުގެ ސަރުކާރުން އެއާޕޯޓް ޖީއެމްއާރަށް ދޫކޮށްލާފައިވާ ނުރައްކާތެރި މައްސަލަ ބޮޑުވެފައިވާއިރު، ރައްޔިތުންގެ ޝުއޫރުތައް އުތުރިއަރަމުން އަންނަ މިދަނޑިވަޅުގައި، ކުރިމަތިވަމުން އަންނަ ކޮންމެ ގޮންޖެހުމަކަށްވެސް ސާބިތުކަމާއެކު ކުރިމަތިލުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
ޖީއެމްއާރުގެ އިސްވެރިޔާ ޖީ.އެމް ރާއޯއާއި، އެކުންފުނީގެ ބޯޑުގެ ހުރިހާ މެމްބަރުންނާއި، ޤާނޫނީ ވަކީލުންގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިވަފުދުން، ސަރުކާރާއި، ސިޔާސީ ފަރާތްތަކާއި ބައްދަލުކުރުމަށް އެދެމުންދާ ކަމަށްވެސް ވީނިއުސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ