ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ރައީސަކު އިންތިހާބު ނުކުރެވުމަކީ މިހާރު އޮތް ސަރުކާރު ނިމުމަކަށް އަންނާނެ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ނަމަވެސް ނޮވެމްބަރު 11 ގެ ފަހުން ރައީސް ވަހީދު ވެރިކަމުގައި ހުންނެވުމަކީ އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި ނޮވެމްބަރު 11 ގެ ފަހުން ރައީސް ވަހީދު ދެމިހުންނަވާނަމަ ރައީސް ވަހީދާ ދެކޮޅަށް ވަރުގަދަ އިހުތިޖާޖުތަކެއް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ގައުމީ ހިނގާ ކޮމިޓީގެ ބައްދަލުވުމަށްފަހު އެމްޑީޕީ އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވީ ނޮވެމްބަރު 11 ގެ ފަހުން ވެސް އިންތިހާބީ ވެރިޔަކު ނެތްނަމަ ރައީސް ވަހީދަށް ވެރިކަމުގައި ދެމި ހުންނެވޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި އޮތް ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"ވަހީދަކަށް ވެރިކަމުގައި ނުހުންނެވޭނެ. އޭގެ ފަހުން ވަހީދު ވެރިކަމުގައި ހުރުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. ރައީސަކު ހުވާކުރަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން އެމަނިކުފާނު ރައީސް ވަހީދާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ނޮވެމްބަރު 11 ގެ ފަހުން ދެމިނުހުންނަވާނެ ކަމަށް ސީދާ ރައީސް ވަހީދު ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު 11 އަށް ފަހު ރައީސް ވަހީދަށް ދެމިހުންނެވޭނެ ކަމަށް ކޯޓުން ބުނި ނަމަވެސް އެކަން އެމަގަށް ނުހިނގާނެ ކަމަށާއި ސަލާމަތީ ބާރުތަކުން އެކަމައި ދެކޮޅު ހަދާނެ ކަމަށެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ބާތިލު ކުރުމަށް ސްޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާއި އެކު އަނެއްކާ ވެސް ރާއްޖޭގެ ވެރިކަން އެއްބުރުން ކާމިޔާބު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިގެން ހިނގައްޖެ ކަމަށާއި މާދަމާ ވޯޓު ލުން ބޭއްވިއަސް އެމްޑީޕީން ތައްޔާރު ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ މަހުގެ 7 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ލިބުނު 95،000 އަށް ވުރެ ގިނަ ވޯޓަކީ ސައްހަ ވޯޓު ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވިދާޅުނުވެވުނު ކަމަށާއި އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީއަށް ދެން ބޭޏުންވަނީ 10 ވަރަކަށް ހާސް ވޯޓު ކަމަށެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ރައީސަކު އިންތިހާބު ނުކުރެވުމަކީ ގާނޫނީ ސަރުކާރެއް ނިމުމަކަށް އަންނާނެ ކަމެއް ނޫންކަމަށާއި ރައީސަކު އިންތިހާބު ކުރެވެންދެން މިހާރު އޮތް ސަރުކާރު ދެމި އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ވަނީ ކަނޑައަޅާފައެވެ.
އެހެންނަމަވެސް އެ މުއްދަތަށް ފަހު ސަރުކާރު ދެމި އޮންނާނީ މާ ބޮޑަށް ދިގުލައިގެން ނުދާނެ ގޮތަކަށްކަމަށް އެ ހުކުމުގައި ބުނެފަ އެވެ.
ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ރައުޔުގައި ވިދާޅުވެފައިވަނީ ގާނޫނީ ސަރުކާރު ދެމި އޮންނާނީ ގާނޫނާއި ހިލާފަށް ހިންގާފައިވާ ކަންކަން ރަނގަޅުކުރުމަށް މުއްދަތެއް ބޭނުންވާނެތީ އެކަންކަން ރަނގަޅުކުރުމަށް ކަމަށެވެ.
ގާނޫނު އަސާސީގައި ވަކި މުއްދަތަކަށް ކަންތައްތަކެއް ކުރުމަށް ނިންމާފައި އޮތުމަކީ، މައްސަލައެއް ބެލުމަށް އޮތް ހުރަހެއް ނޫން ކަމަށާއި، އަދި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި ނިންމާފައި ނިންމުންތަކުން ވަކި ހާލަތްތަކެއް ފާހަގަކުރި ނަމަވެސް ގާނޫނު އަސާސީގައި ވަކި މުއްދަތެއްގައި ބޭއްވުން ލާޒިމުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޭގެ ފަހުން ބޭއްވިފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ރޭހުކުމްކޮށްފައިވާއިރު އެ ހުކުމްކުރީ 4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުނެވެ. އެ ފަނޑިޔާރުންނަކީ އަބްދުﷲ ސައީދު، އަލީ ހަމީދު، އާދަމް މުހައްމަދު، އަހުމަދު އަބްދުﷲ ދީދީ އެވެ.
ނޮވެމްބަރު 11 ގެ ފަހުން ވަހީދު ވެރިކަމުގައި ހުރުމަކީ ބަލައިގަންނާނެ ކަމެއް ނޫން - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ