ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން 'ގާލްސް ޓު ކޯޑް މާލެ އެޑިޝަން' މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ މަހާ ގުޅުވައިގެން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލުމާ އެކު ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ. އެގޮތުން، މި އަހަރުގެ މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މި މަހު 15ގައި ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތު އަދި އޮރިއެންޓޭޝަނުގައި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ 16 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެން ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.
ތަފްސީލް - މި ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މި ޕްރޮގްރާމުގެ ބައިވެރިން ވާޗުއަލް އަދި ފިޒިކަލް ސެޝަންތައް މެދުވެރިކޮށް ވެބް ޑިވެލޮޕްމަންޓް އަދި ކޯޑިންގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ.
"މި އަހަރުގެ ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ މަގުސަދަކީ ބައިވެރިންނަށް ކޯޑް ކުރަން ދަސްކޮށްދިނުމުގެ އިތުރުން، ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، ކެރިއަ ގައިޑެންސް ވޯކްޝޮޕްތައް ތައާރަފްކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން،" ދިރާގުގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި އެވެ.
މި ޕްރޮގްރާމް 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުގައި ކުރިއަށްގެންގޮސް، އަންހެން ޒުވާނުންނަށް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދިއުމަށް އަޅައިދެވޭ މުހިންމު ބިންގަލަކަށް ވަނީ ވެފަ އެވެ
މި ޕްރޮގްރާމް ކުރިން ބާއްވާފައިވަނީ:
ފުވައްމުލައް
ހދ. ކުޅުދުއްފުށި
ގދ. ތިނަދޫ
ލާމު އަތޮޅު
ހއ. ދިއްދޫ
"ގާލްސް ޓު ކޯޑަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ޒުވާނުން ބާރުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ވަރުގަދަކޮށް، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށްދޭ ޕްރޮގްރާމެއް،" ވިމެން އިން ޓެކް މޯލްޑިވްސްގެ ސެކްރެޓެރީ ޖެނެރަލް އާމިނަތު ޝިއުފާ ވިދާޅުވި އެވެ.
ދިރާގާއި ވިމެން އިން ޓެކުން އަންހެނުންނަށް ކޯޑު ކުރަން މާލޭގައި ދަސްކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ