ރ.އަލިފުށިން މުޝައްރަފް ހަސަން
ރާއްޖެއަށް އިތުރު އިސްލާހާއި ތަރައްގީގެ އިތުރުން ރާއްޖެއަށް ހަމަޖެހުން ގެނެސްދޭނެ ހަމައެކަނި ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކަމަށާއި އެކަން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއިން ރ.އަތޮޅަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި އެއަތޮޅު އަލިފުއްޓަށް މިއަދު ހަވީރު ކުރި ދަތުރުގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އާއި އިސްލާމީ އުހުއްވަތްތެރި ގައުމެއްގެ ގޮތުގައި ގާއިމުކޮށް އަނެކަކަށް ކަމޭ ހިތަން ޖެހޭ ކަމަށެވެ.
އަދި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށާއި އެކަން ކުރާންޖެހެނީ ރައްޔިތުންގެ ފައިދާ އާއި ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމަށްޓަކައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ގާނޫނާއި ހިލާފަށް އަމަލުކުރާ މީހާ އާއި މެދު ގަވައިދުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެކަން ކުރަންޖެހެނީ މުޖުތަމައުގެ ސަލާމަތްތެރިކަމަށްޓަކައި ކަމަށެވެ.
"އެކަކު އަނެކަކަށް އިހްތިރާމްކުރަން، އެއް މުޖުތަމައު އެއްގެ ގޮތުގައި ދިރިއުޅެން، ހަމަ އެހެންމެ އަޅުގަނޑުމެން އެބަޖެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން، ގާނޫނުތައް ހެދިފައި އޮންނަނީ ރައްޔިތުންގެ ބޭނުމަށްޓަކައި، ރައްޔިތުންގެ ފައިދާއަށްޓަކައި، ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށްދިނުމަށްޓަކައި." ރައީސް މައުމޫން ވިދާޅުވި އެވެ.
ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާއިރު ރާއްޖޭގެ ކަންތައްތައް ބޭރު މީހުންގެ އަތް މައްޗަށް ދޫކޮށްލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާއިރު ރައްޔިތުން ތިބެން ޖެހޭނީ އެގޮތުގެ މަތީގައި ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބެންވާނެ ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ތަރައްގީގެ ބޮޑު ހިއްސާއެއް އަދާކުރާނެ ބަޔަކީ ޒުވާނުން ކަމަށްވާތީ އެމީހުންނަށް ރަނގަޅު ތައުލީމެއްދީ ރަނގަޅު ބައެއްގެ ގޮތުގައި ބިނާކުރަން ޖެހޭ ކަމަށެވެ. އަދި އެމީހުންނަށް ވަޒީފާގެ ފުރުސަތު ވެސް ލިބިދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ވޭތުވެދިޔަ ތާންގައި ވަރަށް ހިތާމަވެރި ކަންތައްތަކެއް ހިނގައިގެންދިޔަ ކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ ފުދުންތެރިކަން ދަށްވެގެން ގޮސް ލިބޭ އާމްދަނީ މަދުވެފައިވާ ކަމަށާއި މިއީ އެންމެން ވެސް އުޅެން ބޭނުންވާނެ ގޮތެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގައި މީހުން މެރުމާއި މަރާމާރީ ހިންގުން ވަރަށް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. ހާއްސަކޮށް ރ.އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ ޝަހީދުކޮށްލި ހާދިސާ ރައީސް މައުމޫން ފާހަގަކުރެއްވި އެވެ.
"އެކަހަލަ ކަންތައްތަކަކީ އެއްވެސް ގޮތެއްގައި ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން، އޭގެ އިތުރުން ވެސް ވަރަށް ގިނަ ބަޔަކު މީހުންގެ މަތިން ވަނީ މަރުވެފަ، އޭގެ އިތުރުން ވެސް އެތައް ކަންތައްތަކެއް އެބަ ހިނގާ، އަންހެން ކުދިންގެ އިއްފަތްތެރިކަން ފޭރުމާއި ކުޑަ ކުދިންނާއި އެކީގައި ކުޑަކުދިންނާއި މެދު ބަދު އަހުލާގީ އަމަލު ހިންގުމާއި މިހެން ގޮސް އިސްލާމީ ގައުމެއްގައި ހިނގައިގެން ނުވާނެ ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެންގެ ރާއްޖޭގައި އެބަ ހިނގަމުންދޭ." ރައީސް މައުމޫން ވިދާޅުވި އެވެ.
އިތުރު އިސްލާހާއި ހަމަޖެހުން ގެނެސްދޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ