ކޯޓުން ފަރުވާއެއް ހޯދައިގެން ނޫނީ ދެވަނަ ބުރު ބާއްވަން އެއްބަސް ނުވާނަން - ޖަމީލް

ސުޕްރީމް ކޯޓުން "ފަރުވާއެއް" ހޯދައިގެން ނޫނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން އެއްބަސް ނުވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އާއި އެމްޑީއޭ "ގުޅިގެން" މި ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ފުރަތަމަ ބުރުގެ ކުރިން ވެސް ކަންބޮޑުވުންތަކެއް ހުރުމާއި ގުޅިގެން ޕީޕީއެމްއިން އިލެކްޝަން ކޮމިޝަނަށް އެ ކަންބޮޑުވުންތައް ހުށަހެޅި ކަމަށާއި ނަމަވެސް ކޮމިޝަނުން އެ ހުށަހެޅުމަކަށް އެކަށީގެންވާ ޖަވާބެއްދެއްވާފައި ނުވާ ކަމަށެވެ.
އަދި އެ މައްސަލަތަކަށް އޭރު ކޮމިޝަނުން ޖަވާބު ނުދެއްވުމަކީ އިންތިހާބު ބޭއްވިގެން ދިއުމަށްފަހު ފެންމަތިވި މައްސަލަތަކާއި އޭރު ހުށަހެޅި މައްސަލަތަކަކީ ހަގީގަތެއްކަން ހާމަވެގެންދާ އަލި ގަދަ ހެއްކެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މިއަދު އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިވާއިރުގައި އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި އަދި ރާއްޖޭގެ ރައްޔިތުން އެސުވާލުތަކަށް ޖަވާބު ބޭނުންވެފައިވާ އެތައް ކަމެއް މިއަދު ހާމަވެގެން ހިނގައްޖެ، އަދި އެ ސުވާލުތަކަށް މިއަދާއި ހަމައަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެކަށީގެންވާ ގޮތަށް ޖަވާބުދީފައިނުވާކަމީ މި އިންތިހާބު މިއޮތް ގޮތަށް ބާއްވައިގެން އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމާއި މެދު އަޅުގަނޑުމެން ކަންބޮޑުވުން ހާމަވެގެންދާ ކަމެއް." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ފުރަތަމަ ބުރުގެ އިންތިހާބުގެ ވެސް ހުށަހެޅި މައްސަލަތައް ފަދައިން އިންތިހާބުގެ ކުރިން ވޯޓާސް ލިސްޓު ސައްހަ ކުރަންޖެހޭ ކަމަށާއި އެ ލިސްޓަކީ އިތުބާރު ކުރެވޭ މި އިންތިހާބުގައި ވާދަކުރާ ދެކެންޑިޑޭޓުން އެ ލިސްޓުގެ މައްޗަށް އިއްތިފާގުވާ ނުވަތަ ސައްހަވާ ލިސްޓަކަށް ވާން ޖެހޭ ކަމަށެވެ.
އަދި ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްގެން ވޯޓު ފޮއްޓާއި ހަމައަށް ގެންދިއުމުގައި ދެކެންޑިޑޭޓުންނަށް ވެސް އެކަން ބެލޭނެ ގޮތަކަށް ވޯޓު ކަރުދާސްތައް ދަތުރުކުރަން ޖެހޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"މި ދެކަންތައް އިލެކްޝަންސް ކޮމިޝަނުން ކޮށްގެން މެނުވީ ދެވަނަ ބުރަކަށް މި އިންތިހާބު ބޭއްވުމަކީ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމުން އެކަމާއި އެއްބަސްވާނެ ކަމެއް ނޫން، އަދި އެކަން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެން ރާއްޖޭގެ ޝަރުއީ ކޯޓުތަކާއި ހަމައަށް ދާނަން." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވަނީ ކުރިއަށް އޮތް އިންތިހާބު މިނިވަން މުސްތަގިއްލު ނުފޫޒުން އެއްކިބާވެފައިވާ "ފްރޯޑެއް" ނެތް އިންތިހާބަކަށް ހައްދަވައިދެއްވުމަށް ގޮވާލައްވާފައެވެ. އޭރުން މީގެކުރިން އިންތިހާބުތައް ޕީޕީއެމްއިން ކާމިޔާބުކުރި ގޮތަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފަރިތަކަމާއިއެކު ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއެންއާރުގައި ނެތް 6000 އަށް ވުރެ ގިނަ މީހުން ވޯޓު ލިސްޓުގައި އޮތީ ކޮން ގޮތަކަށް ކަމެއް އިލެކްޝަންސް ކޮމިޝަނަށް ސާފުކޮށްދެވިފައިނުވާ ކަމަށާއި އެކަކު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވޯޓު ނުދޭނެ ގޮތަކަށް ކަށަވަރުކޮށްފައި އެބައޮތްތޯ ވެސް އިލެކްޝަނަށް ޔަގީންކޮށްދެވިފައިނުވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ތެދުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއި ނުފޫޒުން އެއްކިބާވެފައިވާ ގޮތަކަށް އަދި ހަމައެއާއިއެކީގައި ކޮރަޕްޝަނުން އެއްކިބާވެފައިވާ މި އިންތިހާބު ކަށަވަރުކުރަން އެބަޖެހެއޭ، މިދެންނެވި ހަތަރު ސިފަ ކަށަވަރުކޮށްގެން މެނުވީ ވަރަށް ސާބިތުކަމާއިއެކު މިދަންނަވަނީ ތެދުވެރި މިނިވަން އަދި އަދުލުވެރި އިންތިހާބެއް މިރާއްޖެއަކު ނުބޭއްވޭނެ، އެ އިންތިހާބު އެގޮތަށް ބާއްވައިގެން މެނުވީ އަދި އެގޮތަށް ކަށަވަރުކޮށްގެން މެނުވީ ދެވަނަ ބުރަކަށް އަޅުގަނޑުމެން ނުދާނަން." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް އިތުރަށް ވިދާޅުވީ މައްސަލަތަކަށް ފަރުވާ ހޯދަން ޖެހެނީ ރައްޔިތުން ނިކުމެ ކަމަށްވާނަމަ އެކަމަށް ނިކުންނާނެ ރައްޔިތުން މި ރާއްޖެއަކު މަދެއް ނުވާނެ ކަމަށެވެ. އަދި އިންސާވެރިކަމާއިއެކު ރާއްޖޭގައި ދެވަނަ ބުރުގެ އިންތިހާބު ބޭއްވިއްޖެނަމަ ތަނަވަސް އަޣުލަބިއްޔަތަކުން ޕީޕީއެމްއިން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ