ކޯޓުން ފުރުސަތު ދިން ކެންޑިޑޭޓު ނަން އަނބުރާ ގެންދަވައިފި

ގއ. ވިލިގިލީ އަތޮލު ކައިންސިލަށް ކުރިމަތިލާފައިވާ ފަރާތެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލް ކޮށްފައިވަނިކޮށް، ކެނޑިޑެސީ ބާތިލްނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން އެ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަށް ފުރުސަތު ކޮމިޝަނުން ދީފައިވަނިކޮށް އޭނާ ނަން އަނބުރާ ގެންދަވައިފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ގއ.އަތޮޅު ކައުންސިލްގެ ވިލިނގިލި ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމެވި މަސްއޫދު އަހްމަދު ވިދާޅުވީ ކޯޓުން މައްސަލަ ނިމުނުއިރު އެ ދާއިރާގެ އެހެން ކެންޑިޑޭޓުން ފޯރީގައި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނިކޮށް އޭނާ ވާދަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެނިގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތެއް ވެސް ނެތެވެ. މަސްއޫދަކީ ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ގއ.އަތޮޅު ކައުންސިލް އިންތިހާބުގައި މަސްއޫދު އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވަނީ އޭނާ އަކީ އެކަމަށް ޝަރުތު ހަމަނުވާ މީހެއްކަމަށެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން ވިލިނގިލީ ކައުންސިލަށް މެންބަރުން ކަނޑައެޅުމަށް ބާއްވަން ހަމަޖެއްސި އިންތިހާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް އިލެކްޝަނުން މި އިންތިހާބު ވަރަށް އަވަހަށް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ހަބަރު ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ