ލިންޒީ ލޯހަން އިސްލާމް ނުވާ ކަމަށް އާއިލާއިން ބުނެފި
މަޝްހޫރު ފިލްމީ ތަރި ލިންޒީ ލޯހަން އިސްލާމްވި ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ. ކާމިޔާބު ފިލްމު 'މީން ގާލްސް' އިން މަޝްހޫރުވި ލިންޒީ އިސްލާމްވި ކަމަށް ބުނެ ގިނަ މުސްލިމުން އޭނާއަށް މަރުހަބާ ކިޔަން ފެށީ ހަފްތާ ބަންދު ތެރޭގައި ލިންޒީގެ ހުރިހާ އިންސަގްރާމް ޕޯސްޓުތައް ޑިލިޓްކޮށް، އިންސްޓަގްރާމް ބައޯގައި 'އަލައިކު މުއްސަލާމް' އޭ ޖެހުމާ ގުޅިގެންނެވެ. ނަމަވެސް ލިންޒޭގެ މަންމަ ޑީނާ ވަނީ އެ ހަބަރުތައް ދޮގުކޮށްފައި ކަމަށް ހޮލީވުޑުގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ގޮސިޕްކޮޕް އިން ބުނެ އެވެ. އަދި އޭނާ އިންސްޓަގްރާމް ޕޯސްޓުތައް ޑިލިޓް ކުރީ ދީން ބަދަލު ކުރުމުގެ ސަބަބުން ނޫން ކަމަށާއި، އެއީ ސޯޝަލް މީޑިއާ އިން ދުވަސްކޮޅަކަށް ދުރަށް ޖެހިލުމަށް ކަމަށް ޑީނާއާ ހަވާލާދީ ގޮސިޕްކޮޕްގައިވެ އެވެ. އެ ހަބަރުތަކާ ބެހޭ ގޮތުން ލިންޒީ އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. ލިންޒީ އިސްލާމްވި ކަމަށް ބުނާ ހަބަރުތައް އެންމެ ފުރަތަމަ ފެންމަތިވީ 2015 ވަނަ އަހަރު ލިންޒީ ގުރުއާނުގެ ކޮޕީއެއް ހިފައިގެން ހުރި ފޮޓޯ އަކާއި، ތުރުކީއަށް ކުރި ދަތުރެއްގައި ސްކާފެއް އަޅައިގެން ހުރި ފޮޓޯއެއް އާއްމުވުމުންނެވެ. އަދި އެފަހަރު އެމެރިކާގެ ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔާވެސް ހެދި އެވެ. އޭގެ ސަބަބުން އެމެރިކާ ރައްކާތެރި ނޫން ކަމަށް ބުނެ ލިންޒީ އިނގިރޭސިވިލާތަށް ދިޔަ އެވެ. "އަހަރެންގެ އަމިއްލަ ގައުމު އަހަންނަށް ރައްކާތެރި ނޫން ކަމަށް އިހުސާސުވުމުން އެމެރިކާ ދޫކޮށް ލަންޑަނަށް ދެވުމުން އަހަރެން ހުރީ ވަރަށް އުފަލުން. [އިސްލާމް ދީނަކީ] އަހަރެން ދަސްކުރަން ބޭނުން ކަމެއް ނަމަ އެއީ އަހަރެންގެ ކަމެއް،" ލިންޒީ ބުނެފައިވެ އެވެ. ލިންޒީ ބުނި ގޮތުގައި އޭނާ އަޅައިގެން ހުރި ސްކާފް ހަދިޔާއެއްގެ ގޮތުގައި ލިބުނީ ތުރުކީގައި ދިރިއުޅޭ ސީރިއާގެ ރެފިއުޖީންނަށް އެހީތެރިވުމަށް ކުރަމުން ދިޔަ މަސައްކަތް ތެރެއިންނެވެ. އަދި އެ ސްކާފްގެ ސަބަބުން އެހެން ބައެއްގެ ސަގާފަތް ތަޖުރިބާ ކުރަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ޝަރަފެއް ކަމަށް ލިންޒީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ