ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ދިނުމަށް ރައީސް ނިންމަވައިފި

ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ނިންމަވައިފިއެވެ.
ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގައި ލަފާ ދޭ ސެޓްލްމަންޓް ކޮމެޓީގެ ނިންމުމާ އެއްގޮތަށް ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މިއަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމެޓީން ވަނީ އެ ހުކުމާ ގުޅިގެން ދީބާޖާއާ އެކު މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 174 މިލިއަން އެ ކުންފުންޏަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވައިފަ އެވެ.
ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ވެސް މިހާރު ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެމައްސަލައިގެ އަޑުއެހުމެއް މިއަދުވެސް ސިވިލްކޯޓުގައި ވަނީ ބޭއްވިފައެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި ގިނަ ފައިސާތަކެއް ދެމުންދާތީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުންތައްވަނީ އަމާޒުވެފައެވެ. މިގޮތުން މަންދު ކޮލެޖުގެ މައްސަލައިގައި 54 މިލިޔަން ދިންމައްސަލައާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ ވިލާކުންފުންޏަށް 130 މިލިޔަން ދިންމައްސަލައިގައި ގިނަބައެއްގެ ފާޑުކިއުންތައްވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ