ރައްޔިތުން ބާރުވެރިކުރުމުގެ މުހިންމުކަން ދ. އަތޮޅު ހޮސްޕިޓަލުން ސާބިތުކޮށްދޭ: ރައީސް

ތަރައްޤީއަށްޓަކައި ރައްޔިތުން ބާރުވެރި ކުރުމުގެ މުހިންކަން ދ. އަތޮޅު ހޮސްޕިޓަލުން ސާބިތުކޮށްދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެ ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސެޕްޓެމްބަރ 16 ވަނަ ދުވަހުގެރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "މި ހޮސްޕިޓަލަކީ ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބާރުވެރި ކުރުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ހެއްކެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހޮސްޕިޓަލް އުފަންވެގެން އައީވެސް ވަކި އިންތިޒާމެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ދޭންޖެހޭކަން އެރަށުގެ ރައްޔިތުންނަށް ޤަބޫލު ކުރެވިގެން ކަމަށެވެ. މިއަދު ފެންނަންހުރި ހޮސްޕިޓަލަކީ ރަނގަޅު އިންތިޒާމެއްގެ ދަށުން ސިއްޙީ ޚިދުމަތް ދޭންޖެހޭކަން އެރަށުގެ ރައްޔިތުންނަށް ޤަބޫލުކުރެވި ރައްޔިތުން އެކަމަށް އިސްނަގައިގެންކުރި މަސައްކަތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފެންނަންހުރި ޙަޤީޤަތަށް ބަލާއިރު އެ ހޮސްޕިޓަލަކީ ސިއްޙީ ޚިދުމަތުގައި ވަރަށް ކާމިޔާބު ހޮސްޕިޓަލެއް ކަމަށެވެ. އެކަން އެގޮތަށްވީ އެކި ދުވަސްވަރު އެތަން ހިންގެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖޭގައި 4 ވަނައަށް ހުޅުވުނު ސިއްޙީ މަރުކަޒު ކަމަށެވެ. އެތަން މިހާރުހުރި ފެންވަރަށް ތަރައްޤީ ކުރުމުގައިވެސް އެރަށުގެ ރައްޔިތުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ