ދަރިއަކު ހިމާޔަތްކުރާ ގޮތަށް، ދައުލަތުން އިސްލާމް ދީން ހިމާޔަތް ކުރަންޖެހޭނެ: އުމަރު

އުފަން ދަރިއަކަށް، ސަލާމަތާއި ރައްކާތެރިކަން ދީގެން ބަހަލައްޓާ ބީދައިން ދައުލަތުން އިސްލާމް ދީނަށް ހިމާޔަތް ދޭންޖެހޭނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ފަހަކަށް އައިސް، އިސްލާމްދީނަށް ފުރައްސާރަކޮށް، ދީން ނިކަމެތިކުރާ މީހުންނާއި، މިސްކިތްތަކަށް ވަދެ، އެތަންތަނުގެ ހުރުމަތް ކަނޑާމީހުން އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އުމަރު "ސަން"އަށް ވިދާޅުވީ ދަރިއެއް ފަދައިން ދައުލަތުން އިސްލާމް ދީނަށް ހިމާޔަތް ދޭންޖެހޭ ކަމަށެވެ. "ދީނަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށްފި ނަމަ، އެމީހަކާމެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭނެ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ދީނަށް ގޮންޖަހާ މީހުންނާއި އޮންލައިންކޮށް ދީނަށް ފުރައްސާރަ ކުރުމާއި ދީނާމެދު ރަހުމުކުޑަކޮށް އަމަލުކުރުމާއި އަދި ދީނުގެ ހުރުމަތްކަނޑާ މީހުންނާ ދޭތެރޭގައި ވެސް މިހާތަނަށް އައިއިރު، އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނުގެ ހުރުމަތްކަނޑާ މީހުންނާމެދު ރާއްޖޭގައި އަމަލު ކުރަން ޖެހެނީ މެލޭޝިޔާގައި ވެސް އެފަދަ މީހުންނާ މެދު އަމަލުކުރާ ގޮތަށް ކަމަށެވެ. "މެލޭޝިޔާ އަކީ ސެކިއުލާ ސްޓޭޓެއް. މެލޭޝިއާގަ ވެސް އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ސޯޝަލް މީޑިއާގަ އެއްޗެއް ލިޔުނަސް ދެއަހަރުގެ ޖަލު އެއީ. ޖަލަށް މީހާ ގެންދާނެ ގާތްގަނޑަކަށް ހަފްތާއެއް ތެރޭގަ. މެލޭޝިޔާ އަކީ މުސްލިމް ގައުމެއް ވެސް ނޫން. އެއީ އެކި ދީންތަކުގެ މީހުން އުޅޭ ގައުމެއް. ނަމަވެސް މެލޭޝިޔާގަ ވެސް މިހުރީ އެކަން ކޮށްފަ އޮތް މިންވަރު،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ އިސްލާމް ދީނަށް ގޮންޖަހާ މީހުންނާއި ދީނަށް ހަޖޫޖަހާ މީހުންގެ އިތުރުން ދީނުގެ ހުރުމަތްކަނޑާ މީހުން ދުވަހެއް ދުވަހަކަށް ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ. "ރާއްޖޭގަ ދީނަށް ފުރައްސާ ކޮށްގެން މީހަކަށް ހުކުމެއް ކުރި އަޑެއް ނާހަން. އެހެންވީމަ މެލޭޝިޔާގަ އޮންނަ ފަދަ ވަރުގަދަ ގާނޫނެއް ފާސް ކުރުމަށްފަހު، އެ ގާނޫނަށް ހަފްތާއެއްގެ ތެރޭގަ އަމަލުކޮށްފަ އެމީހާއަށް ހައްގު އަދަބު ދެވެން ޖެހޭނެ. އެހެން ނުހަދާނަމަ މި ހުރިހާ މައްސަލަތަކެއް ވެސް ހުއްޓުމެއް ނެތި ހިނގަމުން އަންނާނެ،" އުމަރު ވިދާޅުވިއެވެ. މާލޭގެ އިބްރާހީމް މިސްކިތަށް ވަދެ ހަތިމަކަށް ރަތް ކުޅު ޖެހި މީހާއާ ބެހޭގޮތުން އުމަރު ވިދާޅުވީ އެ މީހާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ނަމަ ހުންނަންޖެހޭނީ މޮޔައިންގެ މަރުކަޒެއްގައި ކަމަށާއި އޭނާއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނަމަ މިހާރު ހުންނަންޖެހޭނީ ޖަލުގައި ކަމަށެވެ. އިބްރާހީމް މިސްކިތަށް އާއްމުކޮށް ނަމާދަށް ގޮސްއުޅޭ މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ދުވަހުގެ އަސުރު ނަމާދުގެ ޖަމާއަތް ނިމުނު ވަގުތު އެ މީހާ އައިސް މިސްކިތުގެ އެތެރެއަށް ވަދެ އަޑުގަދަކުރަން ފެށިއެވެ. އޭނާ ބުނީ އިރުކޮޅަކު އެ ގޮތަށް ހަޅޭއްލަވަން މިސްކިތް ތެރޭގައި މަޑުކުރުމަށްފަހު، ފޮތްގޮނޑިމަތީގައި ބާއްވާފައި އޮތް ޚަތިމަށް، ކަރުކެހިފައި ރަތްކުޅު ޖެހީ ކަމަށެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހުން ނަމާދު ކުރަން ތިބި ވަގުތު މިސްކިތުގެ އެތެރެއަށް ކުޑަކަމު ގޮސްފައެވެ. އުމަރު ވިދާޅުވީ އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން، އެފަދަ މީހުންނާމެދު ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. މިފަހަކަށް އައިސް އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ދީނަށް ބަދުބަސް ބުނާ ފަރާތްތައް ސޯޝަލް މީޑިއާގައި ވެސް އިތުރުވެފައިވާއިރު، އެ ފަދަ މައްސަލަތައް ނުބަލާ ކަމަށްބުނެ، ފުލުހުންނަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. މި ފަދަ ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ފުލުހުން ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަތައް ފަތުރާ ފަރާތްތަކުގެ މައްސަލަ ވެސް އެހެނިހެން މައްސަލަތަކޭ އެއްފަދައިން ބަލައި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ވަކި މައްސަލައެއް ތަހުގީގު ކުރަން ނުވަތަ ނުކުރުމަށް، ފުލުހުންގެ މައްޗަށް ސިޔާސީ ގޮތުން އެއްވެސް ނުފޫޒެއް، ނުވަތަ ޕްރެޝަރެއް ވެސް ނާންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ