ބްރިޖް މެދުވެރިކޮށް މާލެ-ހުޅުމާލެއަށް ކަރަންޓް ދޭނެ ބަޔަކު ހޯދަނީ

ބުރިޖު މެދުވެރިކޮށް މާލެ، ހުޅުލެ އަދި ހުޅުމާލެ ކަރަންޓު ވިއުގައަކުން ގުޅާލައި ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމަސައްކަތުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރު ފައިނޭންސްގެ އުސޫލުން ކަމަށެވެ. މި މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކީ މިފަދަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ މާލީ ގާބިލުކަންހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
އެކަމަށް ޝައުގުވެރިކަން ފާޅު ކުރާ ކުންފުންޏަކީ މީގެ ކުރިން، ހައި ވޯލްޓޭޖް އިލެކްޓްރިކް ނެޓްވޯކް އެޅުމާއި، ސަބްސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ. މަޝްރޫއަށް ބޭނުންވާ ފަންޑު ހޯދޭނެ ކަމުގެ ގާބިލްކަން ވެސް އެ ކުންފުނިން ސާބިތުކޮށްދޭން ޖެހެ އެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ ޕޯސްޓް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
ހުޅުމާލެ އާއި މާލޭ ކަރަންޓުގެ ވިއުގަ އަކުން ގުޅައިލުމުގެ ބިޔަ މަޝްރޫއެއް މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ އިފްތިތާހު ކޮށްފަ އެވެ. "ސްޓެލްކޯ ފިފްތް ޕަވާ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާޅޭގައި ނުވަ މެގަވޮޓްގެ ހަ އިންޖީނުގެ މައްޗަށް އެކުލެވޭ، 50 މެގަވޯޓްގެ ޕަވާ ސްޓޭޝަންއެއް ގާއިމްކުރާނެ އެވެ. އެ ސްޓޭޝަންގައި ފިއުލް ފާމް އަދި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަންވެސް ވަނީ ހަމަޖައްސާފަ އެވެ. މި މަޝްރޫއުގެ ސަބަބުން މާލެއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ