ރާއްޖޭގެ ގައުމީ ސަލާމަތަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި: ޒަކީ

ރާއްޖޭގެ ގައުމީ ސަލާމަތަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އިބްރާހިމް ހުސައިން ޒަކީ މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ އޮނިގަނޑެއް އެކުލަވާލުމުގެ ދެވަނަ ބައްދަލުވުން ފެށުމަށްޓަކައި މިއަދު ހެނދުނު ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކާއި އިގުތިސާދީ މައްސަލަތަކާއި ކަނޑުފޭރޭ މީހުންގެ ބިރުވެރިކަމާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ގްރޫޕްތަކުގެ ނުރައްކަލަކީ ރާއްޖެ އަށް ހުރި ގޮންޖެހުންތަކެއް ކަމަށެވެ.
"މި ގޮންޖެހުންތަކުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކާއި އިގުތިސާދީ މައްސަލަތަކުގެ ނުރަނޅު އަސަރު އެހެން ގައުމުތަކަށްވުރެ ބޮޑަށް ކުދި ގައުމުތަކަށް ކުރާނެ،" ޒަކީ ވިދާޅުވި އެވެ.
ޒަކީ އިތުރަށް ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް އައި ހީނަރުކަމުގެ އަސަރު ރާއްޖެ އަށް ފޯރާފައިވާއިރު، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސާދު އިތުރަށް ހީނަރުވެގެންދާނެ ކަމަށެވެ.
ރާއްޖޭގެ ޒުވާން ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ވެސް މި ގޮންޖެހުންތައް ހައްލުކުރަންޖެހޭ ކަމަށާއި އެކަމަށް ތަފާތު ގޮތްތައް ބޭނުންވާ ކަމަށް ޒަކީ ވިދާޅުވި އެވެ. އަދި އެކަމަށް ބޭރުގެ އެހީ އާއި ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ ގައުމީ ސަލާމަތާ ބެހޭ ފްރޭމް ވޯކް އެކުލަވާލުމުގެ ބައްދަލުވުމުގައި ރާއްޖެ އަށް ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ސިޔާސަތުތައް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި އެކްޝަން ޕްލޭން އެކުލަވާލާނެ އެވެ. މީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ