ޑިއުޓީގެ އިނާޔަތް ހޯދުމަށް އަނެއްކާވެސް ކުޅުދުއްފުއްޓަށް ދެ ކޮންޓޭނަރުގެ "ކެމަލް" ސިނގިރޭޓް ބާލައިފި

ސަރަހައްދީ ބަނދަރުތަކަށް ބާލާ މުދަލުގެ ޑިއުޓީން މައާފުކޮށްދޭ 30 ޕަސެންޓްގެ އިނާޔަތް ހޯދުމުގެ ބޭނުމުގައި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް އަނެއްކާ ވެސް ދެ ކޮންޓޭނަރުގެ "ކެމަލް" ސިނގިރޭޓް އިއްޔެ ބާލައިފި އެވެ.
ސަރަހައްދީ ބަނދަރުގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ މާލޭ ވިޔަފާރި ބަނދަރުން ދޯންޏަކަށް އަރުވައިގެން ޓްރާންޝިޕް ކާގޯގެ ގޮތުގައި އިއްޔެ ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ ކުރީ ފަހަރެކޭ ވެސް އެއްގޮތަށް ހަމަ ދެ ކޮންޓޭނަރުގެ ސިނގިރޭޓް ކަމަށެވެ. މީގެ ދެ ހަފުތާ ކުރިން ވެސް 20 ފޫޓުގެ ދެ ކޮންޓޭނަރުގެ ކެމަލް ސިނގިރޭޓް ( 800 ކޭސް)، ހަމައެކަނި ޑިއުޓީގެ އިނާޔަތް ހޯދުމަށް ކުޅުދުއްފުއްޓަށް ބޭލި އެވެ.
"މި ފަހަރު ވެސް ދެ ކޮންޓޭނަރުގެ ސިނގިރޭޓް ބަނދަރަށް ހުސްކޮށްފައި، ކޮންޓޭނަރަށް އަޅައިގެން ހަމަ އެ ބަނދަރުން ދޯންޏަށް އަރުވައިފި،" ބަނދަރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސަރަހައްދީ ބަނދަރުން ނެރެގެން އާންމު ބަނދަރަށް ނުގެންގޮސް ސަރަހައްދީ ބަނދަރުން އަލުން ދޯނި ބަރުކުރީ، އާންމު ބަނދަރުގެ ނެރު ހެދުމުގެ މަސައްކަތެއް ކުރަމުން ގެންދާތީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ނެރު ހެދި ނަމަވެސް، ކުޅުދުއްފުއްޓަށް ދަތުރުކުރާ ބޮޑެތި ދޯނިފަހަރު މިހާރު ވެސް ބޭނުންކުރަނީ އާންމު ބަނދަރެވެ.
ޑިއުޓީ އިނާޔަތުގެ ސަބަބުން، 40 ފޫޓުގެ ސިނގިރޭޓް ކޮންޓޭނަރެއްގެ ޑިއުޓީން 900،000ރ. މައާފުވެ އެވެ.
ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި ކަނޑައަޅާފައި ވަނީ ކޮންމެ ސިނގިރޭޓަކަށް 30 ލާރި ޑިއުޓީގެ ގޮތުގައި ނަގާށެވެ. ކޮންމެ ސިނގިރޭޓް ކޭހެއްގައި 10،000 ސިނގިރޭޓް ހިމެނޭ އިރު، ސިނގިރޭޓް ކޭހަކަށް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހެނީ 3،000ރ. އެވެ. ކުޅުދުއްފުއްޓަށް ބޭލި 800 ކޭސް ސިނގިރޭޓުގެ ޑިއުޓީ އަށް އަރާ 2،400،000ރ.ގެ ތެރެއިން 720،000ރ. މައާފުވާނެ އެވެ.
ހަމައެކަނި ޑިއުޓީގެ އިނާޔަތް ހޯދުމަށް ސަރަހައްދީ ބަނދަރުތަކަށް ސިނގިރޭޓް ބާލާ މައްސަލާގައި ސަރުކާރުން ބުނެފައިވަނީ، އެކަން މަނާނުކުރާނެ ކަމަށާއި އަދި ޑިއުޓީގެ އިނާޔަތް ސިނގިރޭޓަށް ނުލިބޭނެ ގޮތެއް ވެސް ހަމަނުޖައްސާނެ ކަމަށެވެ. ސިނގިރޭޓްގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މީހުން ސަރުކާރުގެ އިސް ވަޒީފާތައް އަދާކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ